ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީ އެވެ.
އެ މަގާމަށް ކުރިމަތިލާން ދިން ފުރުސަތު ހަމަވީ މިއަދު އެވެ. ވަގުތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ރައޫފާއި ސަމީރު އެކަންޏެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރާނީ ޖޭއެސްސީންގެ ބައްދަލަވުމަކުން ފާސްނުކުރާ ނަމެއް ރައްޔިތުން މަޖލީހުގެ ތަޅުމަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ސަމީރުވަނީ 2011 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ސަމީރު އިސްތިއުފާދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަމަން ދަނިކޮށެވެ. އޭގެފަހުން ސަމީރު ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައެވެ. ސަމީރު ވަނީ އެ މަގާމުން 12 މެއި 2022އިން ފެށިގެން 28 އޮކްޓޯބަރު 2024 ފުރުއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެން ކުރިމަތި ލެއްވި ރައޫފްވެސް ވަނީ މާޗު 2011 އިން މެއި 2022އަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. ރައޫފްވެސް ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަމަން ދަނިކޮށެވެ.
އޭގެފަހުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައޫފް ވަނީ އަނެއްކާވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފަ އެވެ. އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެޑައިގެންފައި ވަނިކޮށެވެ.