ads
ފަރީދު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ޝުހާދު މަރާލި މައްސަލާގައި ފަރީދު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ޖެނުއަރީ 2010 ގައި ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، އަބްދުﷲ ޝުހާދަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ހަސަން ފަރީދު މެރުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
Advertisement

ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ޝުހާދު މަރާލި ކުށް ސާބިތުވެ، އެ ރަށު ކަރަންކާއާގޭ ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރުއެވެ. 

އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ފަރީދުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، ޝުހާދުގެ މައިންބަފައިން ވަނީ ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ފަސް ފަނޑިޔާރުންގެ ބެންޗުން އިއްވެވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ:

- ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅި ހަރައި މޭގެ މަސްގަނޑު ފޫއަޅުވާލީ ފަރީދުކަން ހެކިވެރިންގެ ބަހުންނާއި މެޑިކޯލީގަލް ރިޕޯޓުން ސާބިތުވާކަން.

- ފަރީދު އެތަނަށް ދިޔައީ ހަތިޔާރު ހިފައިގެން ކަމަށްވާތީ، އެއީ ދުރާލާ ރާވައިގެން ގަސްދުގައި މީހަކު މަރާލުމުގެ ނިޔަތުގައި ހިންގި އަމަލެއްކަން ޝައްކެއްނެތް މިންވަރަށް އެނގޭކަން.

- އިސްލާމީ ޝަރީއަތުގެ ހަމަތަކުން އެއްވެސް ހައްގަކާ ނުލައި މީހަކު މަރާލުމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވާކަން.

މި މައްސަލައިގައި އަމިއްލައަށް ވަކާލާތުކުރި ފަރީދު، ފުލުހުން އަނިޔާކުރި ކަމަށާއި ތަހުގީގުގައި އިޖުރާއީ ގޯސްތަކެއް ހުރި ކަމަށް ބުނެފައިވަނީ އަޑުއެހުންތައް ނިމުމަކާ ގާތްވެފައި ވަނިކޮށެވެ.

ފަރީދުގެ މައްޗަށް ދަށު ކޯޓުތަކުން އިއްވި މަރުގެ ހުކުމް ދަމަހައްޓަން ނިންމީ މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުންނެވެ. މިއީ ކުރީގެ ބެންޗު ބަދަލުވުމާ ގުޅިގެން މި މައްސަލަ ބެއްލެވި ތިންވަނަ ބެންޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް