ވިންޑްސަރގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ސްކޭމް ހިންގާ މަކަރުވެރިން އަމާޒުކުރަނީ އޭޓީއެމްތަކާއި ރީޓެއިލް ޕޮއިންޓްތައް ނުވަތަ ވިޔަފާރިކުރާ ތަންތަނުގައި ޑެބިޓް ކާޑު ބޭނުންކުރާ މީހުންނަށެވެ. މީގެ ތެރޭގައި ވިޔަފާރިކުރާ ވަގުތުގައްޔާއި އޭޓީއެމްތަކުން ފައިސާ ނަގާ ވަގުތުތަކުގައި، ކާޑުގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ވަރަށް ސިއްރިއްޔާތުގައި އެމީހުންގެ އަސްލު ޑެބިޓް ކާޑު އަތުލައި، އޭގެ ބަދަލުގައި "ޑަމީ" ނުވަތަ ފޭކު ކާޑެއް ބަހައްޓައެވެ.
މިގޮތަށް މަކަރުވެރިން ސިއްރިއްޔާތުގައި އަސްލު ކާޑު ބަދަލުކުރުމަށްފަހު، އެ އަސްލު ޑެބިޓް ކާޑު ބޭނުންކޮށްގެން އެކައުންޓްތަކުގައި ހުރި ފައިސާ ވަނީ ދަމައިގެންފައެވެ. އަދި އަސްލު ކާޑު އަތުލުމަށްފަހު އެކައުންޓްތައް ހުސްކޮށްލުމުގެ މިފަދަ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާތީ، ވިންޑްސަރގެ ފުލުހުން ވަނީ މިކަމަށް އާންމުން އިންތިހާއަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ވިންޑްސަރ ފުލުހުން ނެރުނު ކުއްލި އިންޒާރުގައި ބުނެފައިވަނީ، އޭޓީއެމްތަކާއި ވިޔަފާރިކުރާ ތަންތަނުން ޑެބިޓް ކާޑު ބޭނުންކުރާ ކޮންމެ ފަރާތަކުންވެސް، އަމިއްލަ ކާޑަށް ސަމާލުވެ، އެކައުންޓްތަކުން ފައިސާ ފޭރުމަށް ހިންގާ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.