މި އޮޅުވާލުމުގައި މަކަރުވެރިން ވަނީ ސިންގަޕޫރުގެ މަޝްހޫރު ޓްރެވަލް އޭޖެންސީއެއް ކަމަށްވާ "ސީޓީސީ ޓްރެވަލް" ގެ ނަން ނާޖާއިޒު ގޮތުގައި ބޭނުންކޮށް، އެ ކުންފުނީގެ ސޫރަ ބަދަލުކޮށްގެން ފޭކް ޗުއްޓީ ޕެކޭޖްތަކެއް އާންމުންނަށް ވިއްކަން މަސައްކަތްކޮށްފަ އެވެ.
މި ސްކޭމްގައި މަކަރުވެރިން ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ އުމުރުން ދުވަސްވީ، ރިޓަޔަރކޮށްފައިވާ މީހުންނަށެވެ. އެގޮތުން ބޮޑެތި ޑިސްކައުންޓްތަކާއެކު އަގުހެޔޮކޮށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތުތައް ހުށަހަޅައި، އޮޅުވާލައިގެން ހަދާފައިވާ ފޭކް ބުކިންގ ޕޯޓަލްތަކަށް އެ މީހުން ވައްދައިގެން މާލީ މައުލޫމާތުތައް ހޯދަމުންދެ އެވެ.
މި ފޭކް ބުކިންގ ޕޯޓަލްތައް މެދުވެރިކޮށް، އުމުރުން ދުވަސްވީ މީހުންގެ ސޭވިންގްސް އެކައުންޓްތަކުގައި ހުރި ފައިސާ މަކަރުވެރިން ވަނީ މުޅިން ދަމައިގަނެ، އެ މީހުންގެ މުޅި އުމުރުގެ ރައްކާކުރި ފައިސާ އަތުލާފައެވެ. ސީޓީސީ ޓްރެވަލްގެ ނަމުގައި ހިންގާ މި ސައިބަރ އޮޅުވާލުންތަކަށް ސަމާލުވުމަށް ސިންގަޕޫރުގެ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވުމުގެ ގޮތުން، ޗުއްޓީ ޕެކޭޖްތައް ބުކްކުރުމުގެ ކުރިން އެއީ ރަސްމީ އޭޖެންސީއެއްކަން ޔަގީންކުރުމަށާއި، މާ ބޮޑަށް އަގުހެޔޮކޮށް ހުންނަ ޝައްކުކުރެވޭ ފަދަ ހުށަހެޅުންތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.