ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ. އަދި މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވާއިރު، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން، ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން މެދުވެރިކޮށް ވެސް މިފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ ގޮވާލާފަ އެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.