ރައީސް މުއިއްޒު މި މައުރަޒު އިފްތިތާހުކޮށްދެއްވީ، މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މައުރަޒު އިފްތިތާހުކޮށްދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުއިއްޔާ ޖަމާއަތްތަކުން ބައިވެރިވާ މި މައުރަޒުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުވެސް ފޯރުކޮދެވޭނެ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ މަހުގެ 5 އިން 7 އަށެވެ.