އޭނާ އިތުރަށް ވިދާޅުވީ އިޒްރޭލުގައި އޭނާގެ މަގުބޫލުކަން 99 ޕަސަންޓުގައި އުޅޭ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގައި ކުރިއަށްދާ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފެށުނު ދުވަހު "ފޮކްސް ނިއުސް" އަށް ފޯނު މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި ޓްރަމްޕް ވަނީ އިޒްރޭލުގައި އޭނާއަށް އޮތް ތާއީދަކީ ތާރީހުގައި ވެސް އެހެން އެއްވެސް މީހަކަށް ނުލިބޭހާ ބޮޑު ތާއީދެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އިޒްރޭލުގެ ރައްޔިތުންގެ މެދުގައި އޭނާއަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ މެދުއިރުމަތީގެ މައްސަލަތަކުގައި އޭނާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއި، އިޒްރޭލާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން ކޮންމެ އަހަރަކު އިޒްރޭލަށް ދެމުން އަންނަ ހަތަރު ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ މި އަހަރުގެ ނިޔަލަށް ހުއްޓާލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އިގުތިސާދު މިހާރު ވަރުގަދަވެފައިވާ ކަމަށާއި، އެހެންކަމުން އެމެރިކާގެ މާލީ އެހީތެރިކަމަށް އެ ގައުމުން ދެން ބޭނުން ނުވާނެ ކަމަށެވެ.