އެ އޮފީހުން ބުނީ އުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔާމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ހައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަށް މިހާރު އަމަލުކުރަން ފަށާފައިވާކަމަށެވެ.
މީގެ ކުރިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުސަތެއް ނޯވެއެވެ. ނަމަވެސް، އަލަށް ގެނެވުނު އިސްލާހާއެކު، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
ޕެންޝަން އޮފީހުން ބުނީ މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުރުމުންކަމަށްވެސް ޕެންޝަން އޮފީހުން ބުނެ އެވެ.
މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ. އެހެން ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެކަމަށާއި ހައްޖު ކޯޕަރޭޝަނާ ފައިސާ ހަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔާކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެކަމަށްވެސް ޕެންޝަން އޮފީހުން ބުނެ އެވެ.
އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުން އެކަށީގެންވާކަމަށާއި ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔާމަންޓު ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެ އެވެ.