ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ދަށު ކޯޓުން ޖެހި 30 ދުވަހުގެ ބަންދުގެ މުއްދަތު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެއެވެ. ނަމަވެސް، އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނިންމިކަން ސާފެއް ނުވެއެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިޔާމް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރާ ގުޅިގެން ޝާހިދު މިހާރު ހުންނެވީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ.
ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން، އެއީ އޭނާގެ ޝަޚުސު ކަތިލުމަށް ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ޢަބްދުﷲ ޝާހިދަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ހިމެނޭހެން 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ސިޔާސީ ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.