ފްރާންސްގެ ޕެރިހުގައި ސައިފް ހުށަހެޅި މި ހުށަހެޅުމަކީ އޭނާގެ މައިންބަފައިންގެ ތާރީހާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ރޮމޭންޓިކް ހާދިސާއެކެވެ.
މި ކަން ހިނގީ ދެ މީހުން ޕެރިހަށް ކުރި ދަތުރެއްގެ ތެރޭގަ އެވެ. އެ ދަތުރުގައި ދެ މީހުން މަޝްހޫރު ދަ ރިޓްޒް ހޮޓެލްގެ ބާއެއްގައި ތިއްބައި، ސައިފް ފުރަތަމަ ފަހަރަށް ކަރީނާއާ ކައިވެނިކުރަން އެދުނެވެ. ނަމަވެސް އެ ދުވަސްވަރަކީ ކަރީނާގެ ފިލްމީ ކެރިއަރުގައި ވަރަށް ކާމިޔާބު ދުވަސްވަރަކަށް ވެފައި، އޭނާ ބޮޑަށް ވިސްނަން ބޭނުންވީ މަސައްކަތަށް ކަމަށް ބުނެ އެ ހުށަހެޅުމަށް ވަގުތުން އެއްބަހެއް ނުވި އެވެ.
އެހެން ނަމަވެސް ސައިފް އުއްމީދު ކުޑައެއް ނުކުރި އެވެ. އޭގެ ދެ ދުވަސް ފަހުން، ޕެރިހުގެ ތާރީހީ ނޯޓްރެ-ޑާމް ކެތީޑްރަލް ކައިރީގައި ހުއްޓި ހުރެ، ސައިފް ކަކޫމައްޗަށް ތިރިވެ އަނެއްކާވެސް ކަރީނާއަށް ކައިވެނި ހުށަހެޅި އެވެ. ދެވަނަ ފަހަރަށް ކުރި މި ފުރިހަމަ ހުށަހެޅުމަށް ދެކޮޅު ހަދަން ނުކުޅެދިގެން، ކަރީނާ އެންމެ ފަހުން ވަނީ ސައިފްގެ ހުށަހެޅުން ގަބޫލުކޮށް އާނއެކޭ ބުނެފަ އެވެ.
މި ހުށަހެޅުން ޕެރިހުގައި ދިނުމަކީ ސައިފްގެ އާއިލީ ސަގާފަތަކާ ވެސް ގުޅިފައިވާ ކަމެކެވެ. ސައިފްގެ ބައްޕަ، މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ހާން ޕަޓޯޑީ (ޓައިގާ ޕަޓޯޑީ)، ސައިފްގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރްމީލާ ޓޭގޯރަށް ކައިވެނި ހުށަހެޅީ ވެސް ފްރާންސްގެ ޕެރިހުގަ އެވެ. އެހެންކަމުން ސައިފް ބޭނުންވީ ބައްޕަގެ އެ ފޮނި ހަނދާންތައް ތަކުރާރުކޮށް، ކަރީނާގެ ހިތް އަތުލުމަށެވެ.
ސައިފް ދެއްކި ހިތްވަރާއި ލޯބީގެ ސަބަބުން މި ދެ ތަރިން ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކައިވެނިކޮށްފަ އެވެ. މިއަދު މި ދެމަފިރިންނަކީ ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް އާއިލާ އެވެ.