އިއްޔެ ބޭއްވި މިޑްޓާމް އިންތިހާބުގެ ނަތީޖާތަކާ އެކު، ސީއެންއެން އާއި ސީއެންބީސީ ފަދަ ބޮޑެތި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހައުސް އާއި ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބޭނެކަން މިހާރު ކަށަވަރެވެ. މިއާ އެކު، ޓްރަމްޕްގެ ދެވަނަ ދައުރުގެ ފަހު ދެ އަހަރުގެ ގާނޫނީ އެޖެންޑާތައް ހުއްޓުވުމާއި، ސަރުކާރުގެ މައްސަލަތައް ފުޅާދާއިރާއެއްގައި ތަހުގީގު ކުރުމުގެ ބާރު ޑިމޮކްރެޓުންނަށް ލިބޭނެ އެވެ.
މި އިންތިހާބަކީ ޓްރަމްޕްގެ ދެވަނަ ދައުރާ މެދު ރައްޔިތުންގެ އޮތް ބޮޑު ނުރުހުން ވަރަށް ބޮޑަށް ހާމަވި އިންތިހާބަކަށް ވަނީ ވެފަ އެވެ. ހާއްސަކޮށް، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ޓެރިފްތަކާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވުމުން ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ޓްރަމްޕްގެ މަގުބޫލުކަން ވެސް މިހާރު އޮތީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ.
މި ނަތީޖާއާ ގުޅިގެން ޓްރަމްޕް ވަނީ، ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތް ކަމަށާއި، ނަން އޮތް ނަމަ ބޮޑު ތަފާތަކުން މޮޅުވާނެ ކަމުގައި ވިދާޅުވެފަ އެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނާ ދެކޮޅަށް އޭނާގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ރައްޔިތުން ތާއީދުކުރި ނަމަވެސް، ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރިޕަބްލިކަން ކެންޑިޑޭޓުންގެ ކެމްޕޭނަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ.
އަދި ވޯޓުލީ ފަރާތްތަކުން އެ ނިންމުންތަކުގެ މުހިންމުކަން ދެނެގަތް ނަމަވެސް، ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ މަސްރަހު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.