ރައްޔިތުން މަޖިލީހުގައި މިއަދު އޮތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުން މަޖިލިހަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހުށައެޅި މައްސަލާގައި ގޮތެއް ނިންމުމުމެވެ.
މި މައްސަލާގައި ވޯޓަށް އެހުމުން ސަރުކާރެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރީ މިނިސްޓަރު ސައީދަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އެގޮތުން 54 މެމްބަރުން ވޯޓް ދެއްވީ ސައީދަށް ތާއީދުކުރައްވާ އެވެ. އިދިކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 10 މެމްބަރުންނެވެ.
މި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާންގެ ބައްޕާފުޅު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިތުބާރުކުރައްވާ އެއް ވަޒީރަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުކަމަށެވެ. އަދި ސައީދަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ އިގްތިސާދީ ވަޒީރުކަމަށްވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ. އެހެންކަމުން މި މަޖިލީހުން ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ބޭރުކުރަން ލާހިކު ނުވާނެކަމަށްވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލާގައި ޖަވާބުދާރީވަމުން މިނިސްޓަރު ސައީދު ވަނީ އިދިކޮޅު އެމްޑީޕީން ކުރި ހުރިހާ ތުމަތުތަކެއް ދޮގުުކުރައްވާފަ އެވެ. އެގޮތުން ޑޮލަރު ދަތިވެ ތަކެތީގެ އަގު ބޮޑުވެފައިވާކަމަށް ކުރި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ ދަރުކާރުގެ ފަސް އަގަރު ދުވަހު ދޫކުރި ޑޮލަރަށްވުރެ 100 އިންސައްތަ އިތުރަށް މި ސަރުކާރުގެ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރަސްމީ ރޭޓްގައި ޑޮލަރު ދޫކޮށްފައިވާކަމަށެވެ.
މީގެއިތުރުން ކާބޯތަކެތީގެ އަސާސީ ލިސްޓެއް ސަރުކާރުން އެކުލަވާލާ އެތަކެތި ދަތިކަމެއް ނެތި ރައްޔިތުންނަށް ލިބެމުން އަންނަކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި ބަންކަރިން ހިދުމަތުން މިހާތަނަށް 1.39 ބިލިއަން ރުފިޔާ ހޯދާފައިވާކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓްތައް ގެނައުމުގައިވެސް މި ސަރުކާރުން ރިކޯޑް ހަދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަދި ތިން އަހަރު ނުވާ މި ސަރުކާރުން މިހާތަނަށް 313 ފޮރިން އިންވެސްޓްމަންޓް ރާއްޖެ ގެނެސްފައިވާކަމަށެވެ.