ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން އެޗްޑީސީން އެންގި މިމަހުގެ 2 ވަނަ ދުވަހު އެވެ. ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގަމުން އަންނަނީ ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑް އިންނެވެ. އެ ބިމުގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 141،000 ރުފިޔާއެވެ.
އެތަން ހުސްކޮށް އެތަނުގައި ވިޔަފާރި ނުކުރުމަށް އެޗްޑީސީން އެންގުމުން އެތަން ހިންގަމުން އަންނަ ކުންފުނިން ވަނީ ހަމަ އެދުވަހު ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފަ އެވެ. އެ މައްސަލާގައި ބުނީ އެޗްޑީސީން ތަން ހުސްކުރަން އެންގީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ ނިމެންދެން އެ ބިން އަތުލުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފަ އެވެ.
އެ މައްސަލާގައި ކޯޓުން ވަނީ ބިން އަތުލުން ވަގުތީ ގޮތުން މަޑު ޖައްސާލަން އެޗްޑީސީގެ މައްޗަށް އަމުރުކޮށްފަ އެވެ. އެގޮތުން އެ އަމުރުގައި ބުނީ އެކަން މަޑުޖައްސާލުމަށް އަމުރު ނުކޮށްފި ނަމަ، މައުލޫއީ މައްސަލާގައި ދެ ފަރާތުން ވެސް އެދޭ ހައްލުތަކަށް އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށެވެ.
ކޯޓުން އަމުރުން އެނގޭ ގޮތުގައި އެތަނުގެ ކުލި ނުދައްކާތާ ވަނީ 3 އަހަރަށްވުރެ ގިނަ ދުވަސް ވެފަ އެވެ. އަދި ތަނުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ 5.4 މިލިއަން ލިބިފައިނުވާއިރު ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އާއި އެކު ގާތްގަނޑަކަށް 7.8 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބެންޖެހެ އެވެ.