ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
Advertisement

އެ ކުންފުނީގެ ބޯޑުގައި އެންމެ ފަހުން އާންމު ހިއްސާދާރުން ތަމްސީލުކުރެއްވި ދެ ޑިރެކްޓަރުންނަކީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނެވެ.

އެމްޓީސީސީން ބުނީ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެމްޓީސީސީން ވަނީ ސީއެމްޑީއޭގެ ގަވާއިދުތަކުގައި ބާރުއަޅާ ގޮތަށް އެ މަގާމުތަކަށް ވީހާ ވެސް ގިނަ އަންހެނުން ކުރިމަތިލާން އެދިފަ އެވެ.

ދެ މަގާމަށް ޑިރެކްޓަރުން އިންތިހާބު ކުރާނީ 2026 ގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލެވޭނެ ބައެއް ޝަތުރުތައް:

  • ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން
  • ކުންފުނީގެ ވިޔަފާރި އާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން
  • މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ގާބިލުކަން ލިބިފައި ހުރި ފަރާތަކަށްވުން
  • ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުން
  • ރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން

އޭގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތަކަށް ނުވުމާއި އެފަރާތްތައް ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަގާމަށް ޝަރުތުހަމަވާ މީހުން މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މައުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ އެވެ.

އެ ދެ މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ހިންގާ ގަވާއިދު ވާގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި 7 ޑިރެކްޓަރުން ތިބެން ޖެހެ އެވެ. އެއީ ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އިންތިހާބު ކުރާ ދެ ޑިރެކްޓަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް