އެޗްޑީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައި ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަަށް ނެގުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
އެހެންކަމުން މިއަދުން ފެށިގެން ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
އެޗްޑީސީއިން ބުނީ އެ ނިންމުން އެ ކޯޕަރޭޝަނުން ނިންމާފައި ވަނީ، ކުލި ނުދައްކައި ދިގު މުއަދަތެއްވެފައި ވުމުން ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދީފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޑީސީއިން ބުނީ އެ ނިންމުމަކީ އާންމުންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެޗްޑީސީއަަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ކުލި ބަރާބަރަށް ނުދައްކާ މައްސަލަ ބޮޑުވެ، އެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިތަކާއި ފްލެޓުތަކުގެ ކުލި ވެސް ހިމެނެ އެވެ.