ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.
ބިލުގައިވާ ގޮތުން ހޯމް ސްކޫލިން އަށް ކުއްޖަކު ޝަރުތު ހަމަވާނީ މައިގަނޑު ތިން ސަބަބެއް މެދުވެރިވެގެންނެވެ.
އެއީ؛
• ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން
• ހަމައެފަދަ ނަފްސާނީ މައްސަލައެއް ހުރުން
• ތިން ވަނަ ޝަރުތަކަށް އޮތީ އެ ނޫން ހާއްސަ ހާލަތެއް، (ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނޫން އެހެން ސަބަބެއް) މެދުވެރިވުން.
އެފަދަ ސަބަބަކާ ހެދި ސްކޫލަށް ހާޒިރުނުވެވޭ ކުއްޖަކަށް ހޯމް ސްކޫލިންގެ ހިދުމަތް ލިބޭނީ އެ ކުއްޖާގެ ބެލެނިވެރިންނަކީ ހޯމްސްކޫލިންގެ ހިދުމަތް ދިނުމުގެ މާލީ ގާބިލުކަން ހުރި ބަޔަކަށް ވާ ނަމަ އެވެ. ހޯމް ސްކޫލިން އަށް އެދެވޭނީ ރަސްމީ ތައުލީމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންނަށެވެ.