ރަސްމާލެ މަޝްރޫއުގެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖލިހުން މިރޭ ގޮތެއް ނިންމަން ކަނޑައަޅާފައިވަނިކޮށް ނަޝީދު އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓޭއްގައި ވިދާޅުވީ ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އެމްޑީޕީން ބަލައިގަންނަތަން އެބަ ފެންނަ ކަމަށާއި އެ ފަދަ ވިސްނުންތަކަކީ އެމްޑީޕީ އުފެއްދި ފަލްސަފާއާ ހިލާފު ވިސްނުންތަކެއް ކަަމަށެވެ.
އެއް އިރެެއްގައި އެމްޑީޕީ އަކީ ހުޅުވާލުމުގެ ސިޔާސަތާއި ތަފާތުފިކުރުތަކުގެ މީހުންނާ އެކު ސުލްހަވެރިކަމުގައި އުޅުމާއި ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުން ކަމަށާއި އެ ޕާޓީއަށް އެންމެ ފުރަތަމަ ތާއީދުކުރި މީހުން ތާއީދުކުރީ އެ އުސޫލުތަކަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން އިންތިހާބީ ކާމިޔާބީ ހޯދަން މަސައްކަތް ކުރުމަކީ، މިނިވަން ފިކުރުގެ އާންމު މެންބަރުން ޕާޓީއާ ދުރުވެ، ސިޔާސީ ގޮތުން ނާކާމިޔާބީއާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ބިރަކާ ނުލާ މަޖާކުރުން' ޝިއާރުގެ މައްޗަށް ބައްޓަން ކުރެވުނު ކެމްޕޭން ހަނދާނަށް ގެނައުމަކީ މުހިންމު ކަމެއްކަމަށާއި އެ މެސެޖުގެ ސަބަބުން ޕާޓީއަށް އޮތް ތާއީދު ކުޑަވުމުގެ ބަދަލުގައި، އެހެން މީހުން ބާކީވުމެއް ނެތި، އިތުރު 20،000 ވޯޓު ޕާޓީގެ ތާއީދުގެ ތެރެއަށް އިތުރުވެ، ޕާޓީގެ މަގުބޫލުކަން ފުޅާވެގެން ދިޔަކަމަށް ނަޝަީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެ އުސޫލުތަކާއި ހިލާފަށް، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރުމާއި "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ނަޝީދު ވިދާޅުވި އެވެ
ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސްއާ އިދިކޮޅު އެމްޑީޕީން ދެކޮޅު ނުވުމަށް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައެވެ. ނަޝީދުގެ އެ ނިންމުމާއި ޕާޓީގެ ބައެއް ބޭފުޅޫން ހިޔާލު ތަފާތުވެފައިވާތީ އެކަމުގައި އެމްޑީޕީގެ ސްޓޭންޑް ހާމަކުރަން މިރޭ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ އެވެ.