އެމަނިކުފާނު މިހެން ވިދާޅުވީ އެލްޖީއޭ އަށް ރަށު ކައުންސިލްތަކުން ހޮވާ މެންބަރާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިހާބުކުރާ މެންބަރު ހޮވަން ބޭއްވި އިންތިހާބުގައި އެ ދެ ގޮނޑިވެސް ޕީއެންސީއަށް ލިބުމުން އެކަން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިންތިހާބު ކާމިޔާބުކުރި ދެ ފަރާތްތަކަށް މަރުހަބާ ދަންނަވާ ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވާކަމަށެވެ.
އަދި މި އިންތިހާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑާޝިޕާއި، މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިން ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކުރެއްވި މަަސައްކަތަށްވެސް ޝުކުރު ދަންނަވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކައުންސިލަރުންނާައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސްމަރްޔަމް ޒީނާ އެވެ.
މި އިންތިހާބުގައި ދެން ވާދަކުރީ އެމްޑީޕީގެ ދެ ކެނޑިޑޭޓުންނެވެ. އަލީ އަހްމަދު އިންތިހާބު ކާމިޔާބުރީ 87 ވޯޓުގެ ތަފާތަކުންނެވެ. އަދި ޒީނާ އިންތިހާބު ކާމިޔާބުކުރެއްވީ 26 ވޯޓްގެ ތަފާތަކުންނެވެ.