އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ޖުލައި މަހު ހުށަހެޅުއްވި 37.5 ބިލިއަން ޑޮލަރުގެ އަންދާޒާއަށް ވުރެ ބޮޑު އިތުރުވުމެކެވެ.
އީރާނުގެ މިސައިލް ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ ހަރަދުތައް މީގެ ތެރޭގައި ހިމަނާފައެއް ނުވެ އެވެ. އެހެންވެ ހަގީގީ ހަރަދު މިއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ.
ނަން ހާމަނުކުރުމަށް އެދި އެމެރިކާގެ އޮފިޝަލުން ބުނީ، ރައީސް އަމުރުކުރައްވައިފި ނަމަ، އަލުން ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ފެށުމަށް ޕެންޓަގަނުން ތައްޔާރުވަމުންދާ ކަމަށެވެ.
ރައްދުގައި އިރާންގެ އޮފިޝަލުން ބުނީ ދުޝްމަނުން އިރާނަށް ހަމަލާއެއް ދީފިނަމަ، އިރާނުން ހަމަލާދޭނެ ސައްހަ އަމާޒުފަތްތަކުގެ ލިސްޓު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އެގޮތުން ދުޝްމަނުންގެ އިތުރުން ސަރަހައްދީ ގޮތުން ދުޝްމަނުންނަށް ވާގިވެރިވާ ފަރާތްތަކުގެ ސިޔާސީ ހެޑްކުއާޓަރުތަކާއި ހުރިހާ ވަސީލަތްތަކަކަށް އިރާނުން ހަމަލާދޭނެ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޔަދުﷲ ޖަވާނީ ބުދަ ދުވަހު ވިދާޅުވީ، އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާއެއް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑުއޮޅީގެ އަޑީގައިވާ މައިގަނޑު ހަތް އިންޓަނެޓް ކޭބަލަށް ހަމަލާދީފާނެ ކަމަށެވެ.
އެމެރިކާގެ ހަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ "އެކްސިއޯސް" އިން ބުނި ގޮތުގައި، ގަތަރު އިސްވެ އޮވެ މެދުވެރިން އަންނަނީ އަންނަ ނޮވެމްބަރު މަހުގެ 3 ގައި އޮންނަ އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު ހަނގުރާމަ އަލުން ފެށުނަނުދީ، އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އަލުން ފެށުމަށް ޑިޕްލޮމެޓިކް އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުން، ބޮން އަޅާފައިވާ އީރާންގެ ނިއުކްލިއާ ސައިޓްތަކަށް ޔޫއެންގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ދިނުމަށް ގަތަރުން އީރާނަށް ބާރު އަޅަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި މަޝްވަރާތަކަށް ގަތަރުގެ ވަފުދެއް މިދިޔަ އާދިއްތަ ދުވަހު ތެހެރާނަށް ޒިޔާރަތްކޮށްފައިވާއިރު، ޖޫން މަހު އެކުލަވާލި ދާއިމީ ހައްލުގެ އެއްބަސްވުން ނާކާމިޔާބުވި ފަހުން މި މައްސަލައަށް ހައްލެއް ހޯދުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ.
ސުލްހައިގެ ވާހަކަތަކަށް އަލުން ގޮވާލަމުންދިޔަ ނަމަވެސް، އެމެރިކާގެ އަސްކަރީ އިންޒާރުތަކާއި އީރާނުގެ ރައްދު ހަމަލާގެ އިންޒާރުތަކުގެ ސަބަބުން ސަރަހައްދީ ހަނގުރާމަ އިތުރަށް ވަރުގަދަވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.