ads
ކްރިމިނަލް ކޯޓް
ތޫނު އެއްޗަކުން ބިރުދެއްކި މީހަކު ޖަލަށްލައި ބޮޑު ޖޫރިމަނާއެއްކޮށްފި
ވަޅިއެއް ބޭނުންކޮށްގެން މީހަކަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ސާބިތުވެ، މ. ދާރުލްޤަރާރު، އިސްމާއީލް ވިޝާލް 10 އަހަރަށް ޖަލަށްލުމާއެކު 750,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

މި މައްސަލައަކީ 14 ސެޕްޓެންބަރު 2025 ވީ ދުވަހު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދިޔަ ނ. ލަންދޫ މީހެއްގެ ފަހަތުން ގޮސް، އޭނާއަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެކެވެ. ދައުލަތުން ވިޝާލްގެ މައްޗަށް މި ދަޢުވާ އުފުލީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގައެވެ.

ޝަރީޢަތުގެ މަރުޙަލާގައި އަނިޔާ ލިބުނު ފަރާތާއި އިތުރު ހެކިވެރިޔަކު އެއްބާރުލުން ނުދޭ ހެކިންގެ ގޮތުގައި ކަނޑައަޅަން ޖެހުނު ނަމަވެސް، ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްތަކުގެ އިތުރުން ސިއްރު ހެކިންގެ ހެކިބަހުން އެ އަމަލު ހިންގީ ވިޝާލްކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ އިބްރާހީމް ޛިހުނީ އިއްވެވި މި ޙުކުމުގައި ބަޔާންކޮށްފައިވަނީ ކުށުގެ އުޤޫބާތެއްގެ ގޮތުން 10 އަހަރު ދުވަހަށް ޖަލަށްލުމާއެކު 750,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ޖަލު ހުކުމެކެވެ. މި މައްސަލައިގެ ތަހުގީގަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި 4 މަހާއި 11 ދުވަސް ޖަލު އަދަބުން އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ މުއްދަތަކީ 9 އަހަރާއި 7 މަހާއި 19 ދުވެހެވެ.

ވިޝާލްގެ މައްޗަށް މި ހުކުމް އިއްވާފައިވާއިރު، އެހެން މައްސަލައެއް ސާބިތުވެގެންވެސް އޭނާ ދަނީ ތަންފީޛީ ބަންދެއް ފުރިހަމަކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް