ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ
އެމްޓީސީސީން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
Advertisement

އެމްޓީސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މޫނުމަތީ އަގު ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ރޭ ބޭއްވި އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި 59 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ތަމްސީލުކުރި އިރު، މި ޖަލްސާގައި މުޅިއެކު 5،602،272 ހިއްސާ ނުވަތަ ހިއްސާދާރުންގެ 69.75 އިންސައްތަ ވަނީ ތަމްސީލުވެފަ އެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށްފަހު، އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުންގެ ތެރެއިން ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނާއި ނޮން-އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު ވަނީ ދައުރު ހަމަވުމާއެކު މަގާމުން ވަކިވެވަޑައިގެންފަ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް އިވެލުއޭޓްކުރުމަށް ފަހު، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ ހުސައިން ހަސަންފުޅެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުންގެ ތެރެއިން މިވަގުތު ހުސްވެފައިވާ މަގާމަށް ޑިރެކްޓަރަކު އިންތިހާބުކުރުމަށްޓަކައި، ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހިއްސާގެ ފައިދާގެ އިތުރުން، މި ޖަލްސާގައި ވަނީ ކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފަ އެވެ. ހަމައެއާއެކު، 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވެސް ހިއްސާދާރުން ފާސްކުރި އެވެ. އަދި މި ޖަލްސާގައި ވަނީ 2026 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުން ވަނީ ޑެލޮއިޓް ޕާޓްނާސް ހޮވާފައެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 84.8 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް