ދައުލަތުން އަންނަ އަހަރަށް ހުށައެޅީ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މީ މި ހިނގާ އަހަރަށް ހުށައެޅި ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. މި ހިނގާ އަހަރަށް ދައުލަތުން ފާސްކުރީ 62.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކުރާ 9.9 ބިލިޔަން ރުފިޔާ އެވެ،. މީގެއިތުރުން ޕީއެސްއައިޕީގެ ގޮތުގައި 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.
އާމްދަނީ އާއި ހިލޭ އެހީ
އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ބަޖެޓްގައި ވަނީ އަންދާޒާކޮށްފަ އެވެ. މީ މި ހިނގާ އަހަރު ލިބޭނެކަމަށް ލަފާކުރި އަދަދަށް ވުރެ 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭއިރު، 2028 ވަނަ އަހަރު، 46.6 ބިލިޔަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށްވެސް ބަޖެޓްގައި ވަނީ ލަފާކޮށްފައިވެއެވެ.
ބަޖެޓް ހުށައަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްގީވެފައިވާ ޤައުމެއްގެ ދަރަޖައަށް ގެންދިޔުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވަރު ހާސިލުކުރުމަށް އެޅި މުހިއްމު ފިޔަވަޅެއްކަމަށެވެ.