ads
ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް ޔޫއޭއީގެ އީގަލް ހިލްސް އާއެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ސޮއިކުރިން - ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ
އީގަލް ހިލްސް މަޝްރޫއުގެ މުޅި އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅަނީ
ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫއުއާ ގުޅޭ އެއްބަސްވުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށާއި މަޖިލިހުގެ ކޮމިޓީން އެ ބިލް ބެލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއުގެ އެގްރިމެންޓް ހެދިގެންދާއިރު މުޅި އެގްރިމެންޓް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ދެން އެގްރިމެންޓް ހެދިގެންދާއިރުގައި އެގްރިމެންޓުވެސް ހަމަ ފުލް އެގްރިމެންޓް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮމިޓީއަކަށް. ދާއިމީ ކޮމިޓީއެއްގައި ބެލުމަށް ކޮމިޓީއަށް އަޅުގަނޑުމެން ފޮނުވާނަން އެގްރިމެންޓްވެސް" ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ޒިންމާދާރު ސަރުކާރަކުން މިއަށްވުރެ ވަކި ފުރިހަމައަކަށް މިކަން ނުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގާ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަނީ ބިރު އުފެއްދުމަށާއި މި އިންވެސްޓްމެންޓް އަޔަ ނުދިނުމަށެވެ. 

ރަސްމާލެ ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކޮށްފައި އޮތީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ސޮއިކުރުމަކީ އުއްމީދެއް ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވަނީ ވިދާޅުވެފަ އެވެ.

އީގަލް ހިލްސްގެ މަޝްރޫއު:

  • އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި

  • މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ

  • އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

  • އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ

  • މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި

  • އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް