ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ފާޑުކިޔާ ސިޔާސީ ފަރާތްތަކުގެ އިހުލާސްތެރިކަމެއް ނެތް: ރައީސް
ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ފާޑުކިޔާ ސިޔާސީ ފަރާތްތަކުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މިރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ފަތުރަމުން ފިޔަ ނަމަވެސް، ރަސްމާލެއަކީ މުސްލިމުންނަށް ފަހި މާހައުލެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، ރަސްމާލެ ތަރައްގީކުރާނީ ވެސް އެފަދައިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރަލާއި އޫރު މަސް ވެސް އެ ތަނުގައި ނުގެންގުޅެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މި ތަނުގައި ރަލެއް ނުވިއްކޭ. އިނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މި ތަނުގައި ފަސް ވަގުތު ބަންގި ގޮވާނެ. މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެ ނޫން ގޮތަކަށް ވެސް ސްކޫލެއް ތައުލީމީ މުއައްސަސާއެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭން ޕްރޮޕަޓީތައް ގަތުމަށް ޝައުގުވެރިކަން ހުރީ ވެސް އަރަބި އިސްލާމީ ގައުމުތަކުގެ މުސްލިމުންނެވެ. އެހެންވެ، ރަސްމާލޭގައި ތިބޭނީ ދިވެހިންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

"މިފަދަ ތަނެއްގެ ހިތްހަމަޖެހުން ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ. އެހެންވީމަ މިތަނަކީ މި ދެންނެވި ފަދަ ތަނެއް. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮންނާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭން ޕްރޮޕަޓީތައް އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ގަނެވޭނީ 25 ޕަސެންޓަށެވެ. އަދި އޭގެ އިތުރުން އިޒްރޭލްގެ ރައްޔިތަކަށް އެއްވެސް ތަނެއް ވިއްކުމާއި ކުއްޔަށް ދިނުން މުޅިން މަނާވާނެ ކަމަށާއި އަދި އެންމެ ދުވަހަކަށް ވެސް އިޒްރޭލްގެ ރައްޔިތަކަށް އެތަނަށް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެފަދައިން ވިދާޅުވީ ރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޫކުރަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ. 

ހަމައެއާއެކު ބޯހިޔާވަހިކަމަށް މީހުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ރާއްޖޭން ބިން ދިނުމަކީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެއީ އެ މީހުންގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި އަލީ ވަނީ މީގެ ކުރިން ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާއެކު އެ ނިންމެވުން މުރާޖާކޮށްދިނުމަށް އެ ކޯޓަށް އަލުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކުއްލި މައްސަލައާއި ގަރާރު ވެސް މިކަމުގައި ހުށަހަޅައިފައެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް