އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރިޓަޔަރމަންޓަށް އެދިވަޑައިގަތީ ނިމިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އެކަމުގެ ސަބަބެއް އަދި ރަސްމީ އިދާރާއަކުން މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޙުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އެ މައްސަލައިގެ ހުކުމަށްފަހު، އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރައްވާފަ އެވެ.
މާރިޗު 2007 އިން ފެށިގެން މެދުނުކެނޑި ޝަރުޢީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޢަލީ ރަޝީދު ވަނީ ސިވިލް ކޯޓުގެ އިސް ޤާޟީކަމާއި، ޑްރަގް ކޯޓު އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފަ އެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި އެމެރިކަން އޯޕަން ޔުނިވަރސިޓީން މާސްޓަރސް ހާސިލުކުރައްވާފައިވާ ފަނޑިޔާރު އަލީ ރަޝީދަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖުގައި ޤާނޫނީ ދާއިރާއިން ކިޔަވައިދެއްވުމުގެ އިތުރުން، ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.