މި މައްސަލައިގައި ކްރިމިނަލް ކޯޓުން ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު މުޙައްމަދު ސުލައިމްޚާންގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވީ 28 އޮކްޓޫބަރ 2025 ގައެވެ. ހައިކޯޓުން އެ ހުކުމް ބާޠިލުކުރީ އޭގެ ސީދާ އެއް އަހަރު ފަހުން، 28 އޮކްޓޫބަރ 2026 ގައެވެ. އެހެންކަމުން މަތީ މަރުޙަލާއިން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމިއިރު، އޭނާ ވަނީ މުޅި ހުކުމް ތަންފީޒުކޮށް ނިންމާފައެވެ.
ސެޕްޓެންބަރު 2023 ގައި ދުބާއީން ރާއްޖެ އައި ސުލައިމްޚާން ލައިގެން ހުރި ޖިންސާއި ބޮކްސާ ތެރޭގައި ފޮރުވައިގެން 2,282 ގްރާމްގެ ރަން ޕޭސްޓް އެތެރެކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ސިއްރުން މުދާ އެތެރެކުރުމުގެ ދަޢުވާއެވެ.
ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ސިއްރުން މުދާ އެތެރެކުރުމުގެ ކުށް ފުރިހަމަވަނީ، އެތެރެކުރުން މަނާ މުދަލަކަށް ވުމުން ނުވަތަ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތް އޮވެގެން ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭނާ ގެނައި ރަނަކީ އެތެރެކުރުން މަނާ އެއްޗެއް ނޫން ކަމަށާއި، އަދި އެއީ ޑިއުޓީ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ދައުލަތުން ވެސް ވަނީ އެއްބަސްވެފައެވެ.
މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީއާ ޚިލާފު ޙުކުމެއް ކަމަށް ނިންމައި ހައިކޯޓުން ވަނީ ސުލައިމްޚާން ބަރީޢަކޮށްފައެވެ.