މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 13:30 ގައިކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުން އަންނަ އަހަރު ނިމުމުގެ މަދުވެގެން ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މަޖިލީހަށް ބަޖެޓު ހުށަހެޅުމަށްފަހު، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މަރުހަލާގައްޔާއި މަޖިލީހުގެ ތަޅުމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރާނީ މެންބަރުންގެ މެދުގައި މަޝްވަރާކުރެވި، ގެންނަން ފެންނަ އިސްލާހުތަކާ އެކީގަ އެވެ.
މި އަހަރަށް ދައުލަތުން ފާސްކޮށްފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ސަރުކާރުގެ މާލީ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން މި ހިނގާ އަހަރުވެސް އަމާޒު ހިފާފައިވަނީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށެވެ. އެގޮތުން، އިތުރު ބަޖެޓެއް މަޖިލީހަށް ހުށަނާޅައި، ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ދަތިނުވާނެހެން ދައުލަތުގެ ހިދުމަތްތަކާއި ކަންކަން އިންތިޒާމުކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.