ads
މާބަނޑު ދުވަސްވަރު ނައިޓްޝިފްޓް ހެދުމުން ދަރިފުޅަށް ނުރައްކާ!
އިންޒާރެއް: މާބަނޑު ދުވަސްވަރު ނައިޓްޝިފްޓް ހެދުމުން ދަރިފުޅަށް ނުރައްކާ!
މާބަނޑު ދުވަސްވަރު ރޭގަނޑު ޝިފްޓްތަކުގައި (ނައިޓްޝިފްޓް) މަސައްކަތްކުރުމަކީ، އުފަންވާ ދަރިފުޅުގެ ނާރުތަކުގެ ތަރައްޤީއަށް ނުރައްކާވެދާނެ ކަމެއްކަން އާ ދިރާސާއަކުން ދައްކައިފި އެވެ.
Advertisement

'އޮކިއުޕޭޝަނަލް އެންޑް އެންވަޔަރަންމަންޓަލް މެޑިސިން' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އެނގޭގޮތުގައި، މާބަނޑުއިރު ނައިޓްޝިފްޓް ހަދާ އަންހެނުންނަށް ލިބޭ ކުދިންގެ އުމުރުން 4 އަހަރުވާއިރު، އެކުދިންގެ ނާރުތަކާއި ސިކުނޑީގެ ތަރައްޤީއަށް ބުރޫއެރުމުގެ ނުރައްކާ އިތުރުވެ އެވެ.

މި ދިރާސާ ހަދާފައިވަނީ ގާތްގަނޑަކަށް 100،000 (އެއްލައްކަ) އަންހެނުންގެ މައުލޫމާތު ބޭނުންކޮށްގެންނެވެ. ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ބަނޑުބޮޑުއިރު ރޭގަނޑު ވަގުތުތަކުގައި މަސައްކަތްކުރުމާއި، ކުއްޖާގެ އުމުރުން 4 އަހަރުގައި ފާހަގަކުރެވޭ ނާރުތަކުގެ ތަރައްޤީގެ މައްސަލަތަކާ (ނިއުރޯޑިވެލޮޕްމެންޓަލް އެބްނޯމަލިޓީސް) ސީދާ ގުޅުމެއްވެ އެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މިފަދަ ނުރައްކަލެއް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ސާކޭޑިއަން ރިދަމް (އިންސާނާގެ ތަބީއީ ނިދުމާއި ހޭލައިހުރުމުގެ ވަގުތުތައް ކަނޑައަޅައިދޭ ނިޒާމު) ގަޑުބަޑުވުމާއި، ރޭގަނޑުގެ އަރާމު ނިދި ނުލިބުން ހިމެނެ އެވެ. މާބަނޑުއިރު ރޭގަނޑު ނިދި ނުލިބުމަކީ ދަރިފުޅު އުފެދި ބޮޑުވުމުގެ މަރުޙަލާއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

އެހެންކަމުން، މާބަނޑު ދުވަސްވަރު ރޭގަނޑު ޝިފްޓްތަކުގައި މަސައްކަތްކުރުމަކީ ކުއްޖާގެ ނާރުތަކުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކޮށް، ސިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކުރާ ކަމެއްކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް