މި އިވެންޓުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ 2013 އިން ފެށިގެން މިއަދާ ހަމައަށް، އެލީޓް ކްލަބަކީ ކަސްޓަމަރުންގެ މެދުގައި މިހާ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ، އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
ދުސިތުޑީ2 ރިސޯޓު، ފޭދޫ ފިނޮޅުގައި ބޭއްވި އެ ހަފްލާގައި ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދީފަ އެވެ. އަދި، އެ އިވެންޓުގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވައިފައި ހުރި ހާއްސަ ކަންތައްތައް ވަނީ ޕާޓްނަރުންނާ ހިއްސާކޮށްފަ އެވެ.
ދިރާގުން މިހާރު ވެސް އަންނަނީ 100އަށް ވުރެ ގިނަ ވިޔަފާރިތަކުން އެލީޓް ކްލަބް މެދުވެރިކޮށް، ކަސްޓަމަރުންނަށް އަގުހުރި އެތައް ފުރުސަތުތަކެއް ދެމުންނެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށެވެ.
ދިރާގުން އަބަދު ވެސް އަންނަނީ އެ ކުންފުނީގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދީ އާ ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.