އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މީ އެ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން، ފެނަކައިގެ އަރައިޒް (ARISE) އިނިޝިއޭޓިވްގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމާއި މަސައްކަތް ހިންގުމުގެ އެއްބަސްވުމެއްކަމަށެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ސީނޯ ސޯއާ ހައިބްރިޑް ޓެކްނޮލޮޖީ އާ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން، ލ. އަތޮޅު ކްލަސްޓާ އާއި މައިގަނޑު ސަރަހައްދީ ހަބްތައް ހިމެނޭ 13 ރަށެއްގައި ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވޯލްޑް ބޭންކް، ސީ.ޓީ.އެފް.، އޭ.އައި.އައި.ބީ.، އަދި މީގާ ފަދަ މާލީ އިދާރާތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީ.ބީ.-އެފް.އޯ.އޯ.ޓީ. ފްރޭމްވޯކެއްގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއްކަަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއު އެއްކޮށް ނިމި އޮޕަރޭޝަނަށް އައިސްފިނަމަ، ދިވެހިރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރުވެގެންދާނެކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި 2026 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ޖުމްލަ އިންސައްތަ 24 އަށް އަރާނެއެވެ. މީގެ ސަބަބުން، ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުގެ އަދަދު 15 މިލިއަން ލީޓަރު ކުޑަވެ، ގައުމަށް އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.