ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގަ އެވެ.
ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަށް އެމްއެމްއޭ އިން ވަނީ ހަނދާންކޮށްދީފަ އެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ.
އަދި އެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ހަނދާންކޮށްދޭ ކަމަށާއި ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތެއް ވާނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހާމަކުރާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިދިޔަ އޯގަސްޓް މަހު ގެނައި އިސްލާހާ އެކު، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހެ އެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ހަމަ ކުރިން ވެސް އެ ގާނޫނުގައި އޮތް ގޮތަށް ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.