ތެދެކެވެ. ކަސްތަޅުގައި އަސްނާ އެ އެޅުވީ އޭނާގެ ރުހުމެއް ނެތި އެވެ.
"ހާސް ނުވޭ.. އެންމެންނަށްވެސް އަހަރެން ހަދަނީ މިހެން.. މިއީ އާ ކަމެއް ނޫން" އޭނާ ކުރި ކަންތަކަށް ފަހުރުވެރިވަމުން އައިމާ ބުނެލި އެވެ.
"މިއީ ސަގާފަތެއް ކަމަށް ބަލާ! ކަސްތަޅުގައި އެޅުވުމަށްފަހު އެއިން ސަލާމަތެއް ނުވެވޭނެ!" ދެ ބުމަ އެއް ފަހަރާ ހިއްލާލާފައި އެއް ފަރާތަކަށް ބޯ އަރިކޮށްލާފައި އައިމާ ބުނެލި އެވެ.
"ބުނާނެ އެއްޗެއް ނެތް.. އެކަމަކު އައިމާ ތިކަން ތި ކުރަނީ ރަގަޅަކަށް ނޫން" މަޑުމަޑުން އަސްނާ ބުނެލި އެވެ. އެއަޑު އިވުނަސް، އެކަމާއި އައިމާ އަޅައެއް ނުލި އެވެ.
އަސްނާ އެއްބަސް ވިޔަސް ނުވިޔަސް، ކަސްތަޅުގައި އެޅުވުން އޭނާއަށް މާ މުހިއްމެވެ.
"މިރޭ އޮންލައިން ވާނަން ދޯ؟" އައިމާ ސުވާލު ކުރިއެވެ.
ވެރިވީ ހިމޭންކަމެވެ.
ކްލާސްތެރޭގައި އެހެން ކުދިން ވާހަކަ ދައްކާ އަޑެއްވެސް އަސްނާގެ ކަންފަތާއި ހަމައަށް މިވަގުތު ވާސިލެއް ނުވެ އެވެ. ބަނދެވުނު ކަސްތަޅުން ނެއްޓޭނީތޯ ނުވަތަ އެކުވެރިޔާ ގަދަކަމުން އެޅުވި ދައުވަތުގެ އަޖުމަ ބަލައިލާނީތޯ ބަހުސް ކުރެވުނެވެ. ހިޔާލުގެ ތެރެއިން އޭނާގެ ސިކުނޑީގައި ހިނގަމުންދިޔަ އަރާރުމުގެ އަޑު ކަންފަތާއި ހަމައަށް ވާސިލުވެއްޖެ އެވެ.
އަސްނާގެ ޖަވާބެއްގެ އިންތިޒާރުގައި އިން އެކުވެރިޔާގެ އެސްފިޔަ ޖަހައިލުމެއް ނެތި ބަލަމުން ދިޔައީ ބޭނުންވާ ފަދަ އިޝާރާތެއް ލިބޭތޯ އެވެ.
އިރުކޮޅަކަށްފަހު އަސްނާގެ ބޮލުން ސިގުނަލް ދީފި އެވެ.
އެއްބަސް ވީ އެވެ.
ކަސްތަޅުގެ ބޮޅެއްގައި އޭނާގެ ނަފުސުވެސް ބަންދު ކުރީ އެވެ.
"ޔެސްސްސްސސ.. މި ހާސިލްކުރެވުނީ މިއަދުގެ އެންމެ ފުރިހަމަ ކާމިޔާބީ!" ކޮލުދަތްތައް ފެންނަވަރަށް ހެމުން އައިމާ ބުނެލި އެވެ.
ހަމަ އެވަގުތެވެ.
ކުރަކި އަޑަކާއެކު ކްލާސްރޫމްގެ ދޮރު ހުޅުވިއްޖެ އެވެ. ދިގު ފިޔަވަޅެއްގައި ކުލާހަށް އެ ވަނީ ކެމިސްޓްރީ ޓީޗަރެވެ. ކުއްލިޔަކަށް މުޅީ ކްލާސް ހިމޭންވެއްޖެ އެވެ.
ޓީޗަރު އަތުގައި ބަރި ޖަހާލާފައިވާ 'ޓެސްޓް ޕޭޕަރުތައް' ލުއި ނުވާނެކަން ޔަގީނެވެ. އެތެރެއަށް ވަދެވުމާއެކު ޓީޗަރުގެ މޭޒުމަތީފައި އިމްތިހާން ކަރުދާސްތައް ބަހަށްޓާފައި އެނބުރުނީ ބޯޑާއި ދިމާއަށެވެ.
......
ރޭގަނޑުގެ ވަގުތެވެ.
އަސްނާ އޮތީ އޭނާގެ އެނދުގައި އެވެ. ކޮޓަރީގައި އަލިކަމެއް ނެތެވެ. އަނދިރި ކޮޓަރި ތެރޭގައި ހަރުލާފައި ވަނީ ފާރުގައި ހަރުކޮށްފައިވާ ގަޑީގެ ކަށި ދަތުރުކުރާ އަޑެވެ.
ކުއްލިޔަކަށް އަސްނާގެ ފޯނުން އަލިކަމެއް ދިއްލުނެވެ. އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓާލި އެވެ.
ސްކްރީން 'އަންލޮކް' ކޮށްލި އެވެ.
ސްކްރީންގެ އެންމެ މަތީން ދަތުރުކޮށްލީ ނޮޓިފިކޭޝަނެކެވެ. އަސްނާގެ ހިތުގެ ތެޅުން ގަދަވި އެވެ.
އިންތިޒާރުގެ ވަގުތުތަށް ނިމުނީ އެވެ.
ކަސްތަޅު އަޅާފައިވާ ގަބުރު ބޯ ބުރިއެއް ގްރޫޕްގެ ނަމާއެކު ފޯނުގެ ސްކްރީނުން ދިއްލިއްޖެ އެވެ.
ގަތް ބިރުން ތެޅިގަނެވުނެވެ.
ފޯނު އަތުގެ ތެރެއިން ލޫދިގެން ވެއްޓުނު އިރެއްވެސް އަސްނާއަށް ނޭގުނެވެ.
އެނދުމައްޗަށް ވެއްޓުނު ފޯނު ނަގާފައި އަތުގެ ތެރޭގައި ހިފަހައްޓާއިލެވުނު އިރު ކޮންމެ އިނގިއްޔެއް ތުރުތުރުލާން ފަށައިފި އެވެ.
ހަމަޖެހިލެވޭތޯ އަސްނާގެ ނޭވާ ހަމަޔަކަށް އަޅުވައިލި އެވެ.
ވިސްނުންތެރިކަމާއެކު ސްކްރީނަށް ބަލައިލި އެވެ. ގްރޫޕުގެ ރަމްޒީ ނިޝާނުގައި މަޑުމަޑުން ބޮޑުވައި އިނގިލި ބީއްސާލި އެވެ.
'މިތަނުގައި އަހަރެން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ.. ޗެޓް ލޮގްއަށް ބަލަން އޮތީމައި އެ ނިމުނީ'
އަމިއްލަ ހިތާއި ސިކުނޑިއަށްވެސް ނީވޭނެ ވަރަށް މަޑުމަޑުން އަސްނާ ބުނެލި އެވެ.
ހިމޭން ނޭވާޔަކާއެކު ގްރޫޕް ހުޅުވައިލައިފި އެވެ.
ގްރޫޕްގެ ހަރަކާތްތެރިކަން އެހެން މީހަކު އަސްނާއަށް ބުނެދޭކަށް ނުޖެހުނެވެ. ހައިބަނޑާއި އުދުހިފައި އަންނަ ބާޒެއް ފަދައިން ގްރޫޕުގެ މެސެޖްތައް އުދުހެނީ އެވެ. ބަރިޖެހެމުންދިޔަ މެސެޖްތަކުގެ އަވަސްކަމުން އެ ހުރިހައި އެއްޗެއް ކިޔުމަކީވެސް އޭނާއަށް ފަސޭހަ ކަމަކަށް ނުވި އެވެ.
ކަޝިޝް:މާދަމާގެ ބައެލޮޖީ ޖަވާބުތައް ހޯދައިގެން ގެންނާނީ ކާކު؟
މާކިން:މަށެއް ނުގެންނާނަން.. ގްރޫޕަށް އަހަރެން މިވަނީ ހިތްހަމަޖައްސާލައި ކަލޭމެންނާއި އަނގަތަޅަން
ރާނިއާ:އެންމެންނޭ! އިމްތިހާނަށް ފޯކަސް ކޮށްބަލަ! މިއަންނަ ހަފްތާގައި ޓެސްޓް ފެށޭނެ
އައިމާ:ތިދެން ކޮން ވާހަކައެއް؟ ތި ނޫން ވާހަކައެއް ދައްކަން ނެތީތަ ރާނިއާ؟ އެންމެން ބަލާބަލަ.. އަސްނާވެސް ގްރޫޕަށް ޖޮއިން ކޮށްފި..
ސާމިރާ: އޯހހހ.. އަސްލުތަ؟ ހައިއއއ އަސްނާ...
ބަރިއަކަށް ހިތް ތަކެއް ފޮނުވާލާފައި ސާމިރާގެ މަރުހަބާ އަސްނާ އަށް ހާއްސަކޮށްލި އެވެ.
އާޝޯހުވެފައި އަސްނާ އިނީ ހަލުވިކަމާއެކު އެމީހުން ދައްކަމުންދިޔަ ވާހަކަތަކަށް ބަލާށެވެ.
ދެ ލޮލުގެ އެސްފިޔަތަށް އަވަސްކޮށްލެވުނީ ސާމިރާ ފޮނުވަމުންދިޔަ ހިތްތަކުގެ އަވައިގައި ޖެހިފަ އެވެ.
އަސްނާގެ ނަން ގްރޫޕްތެރޭގައި ފެވިއްޖެ އެވެ. އެންމެންގެ ސަމާލުކަމަށް އެ ނަން އަތުވެއްޖެ އެވެ. ސްކްރީނުން އަސްނާގެ ނަން ފެނުން ގިނަވެއްޖެ އެވެ.
އެއިން އެއްވެސް ވާހަކައެއްގައި ބައިވެރިވާނެ ގޮތެއް އަސްނާއަކަށް ނޭގުނެވެ. ދެކެވެމުންދިޔަ އޮލަ ވާހަކަތަކުގައި ބައިވެރި ވުމަށް މަޖުބޫރުކޮށް އަސްނާއަށް ޕްރެޝަރެއްވެސް ނުކުރެ އެވެ.
އެއްޗެއް ލިޔެލަން އޭނާގެ ހިތަށް އެރި އެވެ. ނަމަވެސް ލިޔާނެ އެއްޗެއް ނޭގުނެވެ.
ކުޅަދާނަކަން ހުރި މިންވަރަކުން، މެސެޖުތައް ކިޔުމަށް ހިތުއަޅައިގެން އެކަމަށް އަސްނާ ތައްޔާރުވި އެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅަކާއެކު އަކިރިތަށް ދެމިގަންނަ ފަދައިން މެސެޖްތައް އަންނަމުން ދިޔަ އެވެ. އެމީހަކަށް މުޅި ދުވަހު ދިމާވި ކަންތަކާއި މަންމަ އާއި ބައްޕަގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކުގެ ޝަކުވާ އެވެ.
އެކުދިންގެ މިނިވަންކަމަށް އެޅެމުންދިޔަ ހުރަސްތަކުގެ ވާހަކަތަކުން އަސްނާގެ މުޅި ސްކްރީން ފުރިއްޖެ އެވެ.
ފާހަގަ ކުރެވުނީ މުހިއްމު ކަމެކެވެ.
އެއިން ކޮންމެ މީހެއްގެ އެންމެ އުފާވެރި ވަގުތަކީ ކަސްތަޅުގައި ބަނދެވި، ގްރޫޕް ތެރޭގައި ހޭދަކުރާ ވަގުތެވެ. އެކަމަށް އެއްމެން އިއްތިފާގު ވެއްޖެ އެވެ.
ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ތަފާތު ހިޔާލުތަކެއް އަސްނާގެ ސިކުނޑި ހަލަބޮލިކުރަމުން ދިޔަކަން އޭނާގެ ނަފުސަށްވެސް ވަނީ އޮޅިފައި އެވެ.
އެކަކު އަނެކަކަށް 'ބެޓް' ކުރުމާއި އެކަކު އަނެކެއްގެ މައްޗަށް ފައިސާ ކަނޑައަޅައިގެން ބިރުވެރި ގޭމް ކުޅުމާއިގެން ގްރޫޕްތެރެ ހަލަބޮލި ވެއްޖެ އެވެ. ގްރޫޕުގެ ގޭމްގެ އަޑު ގަދަވެ އުފެދެމުން ދިޔަ ބިރުވެރި މާހައުލުގައި އަސްނާ ފުރަތަމަ އަޅައިގަތީ މާކިންގެ މެސެޖެއްގައި އެވެ.
މާކިން:އެންމެ ފަހު މަރުހަލާގައި ތިޔަ އެންމެންނަށް އަހަރެން ބޭވަފާތެރި ވާނަން.. ސިލްސިލާތަކަށް ދެމިގެންދާ ކަސްތަޅެއްގައި ކަލޭމެން އެންމެން އަޅުވާނަން..
ސާމިރާ:މާ މޮޅު ވާހަކަ ދައްކާނެކަމެއް ނެތް.. މާކިން އަކީ އަމިއްލަ ހިޔަނި ފެނިގެންވެސް ހަޅޭއްލަވައި ފިއްކަނޑައިގެންދާ މީހެއް.. ކަލޭ ތިއީ ކަމެއް ކުރެވޭނެ މީހެއް ނޫން.. ތި ތަޅަނީ ހުސް އަނގަ.. އެހެން މީހަކަށް ބޭވަފާތެރިވެވޭނެ ބާރެއް ކަލޭގެ ނުހުންނާނެ..! (ނުނިމޭ)