ހިނދުކޮޅެއް ފާއިތުވެއްޖެ އެވެ.
ކަނދުރާ އާއި ހަތަރެސްފައިގައި ނެގި ހީބިހި އަދިވެސް ތިރިއެއް ނުވެ އެވެ.
ކޮންމެ ރެއަކު އެހައި މެންދަން ވަންދެން ބިރުވެރި ގޭމް ކުޅެނީ ފާހާނާ ތެރޭގައި؟" އާޝޯހްވެފައި އަސްނާ ސުވާލުކުރި އެވެ. އޭނާގެ އެސްފިޔަ އާއި ދޫ ނޫނީ ހަރަކާތެއް ނުކުރެ އެވެ.
މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. ހިތް ވަނީ ނުތަވަސް ވެފައިކަން އެނގުނީ ހަރަކާތެއް ގެންނާން އޭނާ ނުކުޅެދިފައި ވާތީ އެވެ.
"އާން! ބުނަން މިއުޅޭ ވާހަކައަކީވެސް ތިއީ" ފަހުރުވެރިކަމާއެކު އައިމާ ބުނެލި އެވެ. އަސްނާގެ 'ސްމާޓް ކަމަށް' ސެލިއުޓްވެސް ކުރި އެވެ.
"ދުވާލު ގޭމް ކުޅުނީމައި އޭގައި އަސަރެއް ނުހުރޭ.. ރޭގަނޑާއި މެންދަމުގެ ވަގުތުތަކުގައި ފާހާނާގައި 'ކަސްތަޅު' އެޅުނީމައި ރަގަޅަށް ގޭމް ތެރެއަށް ވަދެވެނީ.. ކުޑަކޮށްވެސް އަހަރެން ބިރެއް ނުގަނޭ! މަށަށް އިނގޭ މަ ބިރުގަންނަވަންކަން މަންމަ އިރުއިރުކޮޅާއި ފާހާނާގެ ބޮކި ނިއްވާލާފައި ދިއްލަނީ.. އެކަމަށް އަހަރެން އަޅައެއް ނުލަން.. މަންމައަކަށް އަހަރެން ނުހުއްޓުވޭނެ" ލާނެއް ހިނިގަނޑަކާއެކު އެއް ލޯ މަރައިލާފައި އަސްނާގެ ކޮލުގައި އައިމާ ޖަހައިލި އެވެ.
"ޔޫ ޝުޑް ޓްރައި އިޓް ޓޫ" ކުރިއަށް ވުރެން އަސްނާ އާއި ގާތްވެލާފައި އައިމާ ބުނެލި އެވެ. އޭނާގެ ރާގާއި އަޑުވެސް މިފަހަރު ތަފާތެވެ.
އަސްނާއަށް ފެނުނީ ސީރިއަސްކަމުން ފުރިފައިވާ ދެ ލޮލެވެ. އެކުވެރިޔާގެ ނުރަސްމީ ދައުވަތާއިމެދު ވިސްނާލަން ވަގުތުކޮޅެއް އަސްނާ ބޭނުންވި އެވެ.
"މޭބީ.." ވައި އަޑުން ނިކުތީ ހަމައެކަނި އެ ލަފުޒެވެ.
ތެދެކެވެ. ފަހަރެއްގައި ކަސްތަޅުގެ އަޖުމަ ބަލައިލެވިދާނެ އެވެ.
އެކަމަކު އެއީ އައިމާގެ ފޮމިއުލާ އާއި ނުލަ އެވެ.
ހަމަ އެވަގުތެވެ. ކުޑަދޮރުން ބޭރުން ކަޅުކުލަ ގަދަ ކާޅެއް ހިމޭންކަމާއެކު ހުރަސްކޮށްލި އެވެ. އޭގެ ރަތް ދެ ލޯ އަސްނާއަށް ނުފެނުކަން އެއީ އޭނާގެ ނަސީބެވެ.
"ބައެއް ފަހަރު އަހަރެން ހަޅޭއްލަވާ އަޑަށް މަންމަ އައިސް ދޮރުވައްޓާލާ ވަރަށް ތަޅައިގަންނާނެ.." ޑްރާމާ ގޮތަކަށް ވައިގެ ތެރޭގައި ދެ އަތް ހޫރުވާލާފައި އައިމާ ބުނެލި އެވެ.
"މިއަދު ހެނދުނުވެސް މަންމަ ބުނީ، ރޭގައި ތިމަންނާ ހީކުރީ އައިމާ މަރަށް ތެޅެނީ ކަމަށޯ.." އައިމާގެ ގޭމް ކުޅުމުގެ ހުނަރުވެރި ވާހާކަތައް އޭނާ ކިޔައިދެމުން ގެންދިޔައީ ފަހުރުވެރިކަމާއެކު އެވެ.
"ބިރެއް ނުގަނޭތަ..؟" އަސްނާ ސުވާލު ކުރީ ފުރިހަމަ މާނައިގައި އެވެ.
"ކުޑަކޮށްވެސް ނުގަނޭ.. އަހަރުމެންގެ 'ކަސްތަޅު ގްރޫޕް'ގައި މިރޭ އަސްނާވެސް ބައިވެރިވާން ވާނެ.. ކޮންމެ ރެއަކު އަހަރުމެން ބައްދަލުކުރާނީ ބަރާބަރު ދިހައެއް ޖަހާއިރު.. ގްރޫޕް ހުރިހައި މީހުން ބަރާބަރު ގަޑިއަށް އޮންލައިން ވާންޖެހޭނެ.. އެއްވެސް ކުއްޖަކަށް އެއްވެސް ކަމަކަށް ގްރޫޕުގައި މަޖުބޫރެއް ނުވާނެ.. އަސްނާ ހަމަ ޖޮއިން ކޮށްލީމައި ނިމުނީ"
އެތަށް ދުވަހެއްގެ މަސައްކަތަށްފަހު އައިމާގެ މަސައްކަތުގައި ކާމިޔާބުގެ ކުލަ ޖެހެން ފަށައިފިކަން އޭނާއަށް ޔަގީންވުމުން އެއް ބުމަ އަރުވާލާފައި އެއް ލޯ މަރައިލި އެވެ.
"އެއްވެސް ގްރޫޕް ޗެޓެއްގައި އަހަރެން ބައިވެރިއެއް ނުވަން.." އިސްޖަހައިލާފައި އަސްނާ ބުނީ ތެދެކެވެ.
"އޯ ކަމޯންނނނނނ.." އަސްނާގެ ކޮނޑުގައި ނިކަން ބާރަށް ޖަހައިލާފައި އައިމާ އަތްތިލަބަޑި ޖަހައިލި އެވެ.
"އަސްނާގެ ތި ޖަވާބު އަޑުއަހާ،އަހާ ކަންފަތް ބީރުވާން ކައިރިވެއްޖެ! އަސްނާއަށް ވުރެން ވިސްނުން ތޫނު ކުއްޖަކު މި ކްލާހުގައި ނޫޅޭކަން އެންމެންނަށްވެސް އިނގޭ.. އަހަރުމެންގެ ކަސްތަޅުގައި މިހާރު މަދުވަނީ އަސްނާގެ ސިކުނޑި! އެ ގްރޫޕުގައި އޮންނާނީ އެ ދުވަހެއްގެ ހާއްސަ ވާހަކަތަކާއި އަހަރުމެންގެ މިނިވަން ވާހަކަތައް.. ކިޔެވުމުގެ ވާހަކަތަކަކީ އަހަރުމެންނަށް މާ މުހިއްމު މައުލޫއެއް ނޫން.. ގްރޫޕްގެ ފޯރި އަރާނީ ވާހަކަތައް ނިންމާފައި ގޭމަށް ފެއްޓީމައި.."
އަސްނާގެ 'އާން' ބަސް މިއަދު އައިމާއަށް މިހިއްމެވެ. އޭނާގެ އެކުވެރިން ތެރެއިން ކަސްތަޅުގައި މިވަގުތު ނުޖެހި ވަނީ އަސްނާ އެކަންޏެވެ.
ޖަވާބު ދިނުން އަސްނާއަށް މުހިއްމެއް ނުވި އެވެ. އޭނާ ބަލައިލީ ޑެސްކުގެ ކަނުގައި ބާއްވާފައި އޮތް އޭނާގެ ނޯޓު ފޮތަށެވެ.
"މީހުންނާއި ވާހަކަ ދައްކައި މުއާމަލާތް ކުރުމަކީ އަހަރެންގެ މިޒާޖުގައި ހުންނަ ކަމެއް ނޫން.. މާގިނަ މީހުންނާއި ވާހަކަ ދައްކާ ހިތެއްވެސް ނުވޭ.." ވަރަށް މަޑުމަޑުން އަސްނާ ބުނެލި އެވެ.
"ކަސްތަޅުގައި ބަންދުވީމައި ނިމުނީ.. މާގިން ވާހަކަ ދައްކާނެ ކަމެއް ނެތް.. އެކަނިމައި އެކަނިވެސް ގޭމް ކުޅެވޭނެ.. އެހެން މީހުން ދައްކާ ވާހަކަތައް އަޑުއަހައިލީމައި، ނޫނީ ބަލައިލީމައި ވަރަށް ފޫހި ފިލާނެ.. ވާހަކަތައް ކުރިއަށް ދާވަރަކަށް ޝައުގުވެރިކަން ބޮޑުވާނެ.. އެތަނުގައި ކޮންމެ ވާހަކައެއްވެސް ދައްކާނީ ހިތުގައި އޮންނަ ގޮތަށް.. އެކަމާއި ގޮތް ކިޔާނެ މީހަކު ނޫޅޭނެ.. ވިސްނޫން ތޫނު އަސްނާއަކީ އަހަރުމެންގެ ރޫހް.. މިރޭ ވާނެ ރޫހު ވައްދާފައި، ރޫހު ދިރުވާލަން!" މަޖާވެލާފައި އައިކާ ބުނެލި އެވެ.
ހަމައެވަގުތު އަސްނާގެ ނިއްކުރިއަށް ރޫ ބޮނޑިކޮށްލެވުނެވެ. އެތަށް އިހްސާސެއް އެއް ފަހަރާ އޭނާގެ ސިކުނޑިއަށް ބޮނޑިވެއްޖެ އެވެ.
"ދެޓް ސައުންޑްސް ކްރީޕީ.."
"އެކްޒެކްޓްލީ.. ޕަރފެކްޓް ފޯ އޮކްޓޯބަރ" އެއްބުމަ ހިއްލާލާފައި އައިމާ ބުނެލި އެވެ.
"އެހެންވީމައި ހަމަ މިވަގުތު އަސްނާ މި އެޑް ކޮށްލަނީ ގްރޫޕްއަށް.. ކޮންމެ ކޮންމެ މީހަކަށް މި ގްރޫޕަށް ނުވަދެވޭނެ.. އަހަރެންގެ އެންމެ ހާއްސަ ރައްޓެހިންނަށް ވަރަށް ހާއްސަ ތަނެއް މިއީ.. ކިއުޓް ދޯ!"
ފޯނުން، ގްރޫޕްގެ ޗެޓް ލޮގް ދައްކާލަމުން އައިމާ ބުނެލި އެވެ.
ބޮޑު ހިލިހިލާއެއް އޮޅާލާފައި އިން ގަބުރެއްގެ ބޯބުރި ރަމުޒުކޮށްދޭ ނިޝާނަކާއެކު ގްރޫޕުގެ ނަން 'ކަސްތަޅު ގްރޫޕް' ލިޔެފައި އޮއްވައި އަސްނާއަށް ފެނުނެވެ.
"އަހަރެންގެ އިޒުނައެއްވެސް ނުހޯދާ ތި އެޑް ކުރީ ކީއްވެ؟"
ތެދެކެވެ. ކަސްތަޅުގައި އަސްނާ އެ އުޅުވީ އޭނާގެ ރުހުމެއް ނެތި އެވެ. (ނުނިމޭ)