7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި މި ހާދިސާގައި 339 ގެއެއް މުޅިން ވެއްޓި ވަނީ ހަލާކުވެފަ އެވެ.
މި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ވަގުތުން ވަނީ ފަށާފައެވެ. އެގޮތުން، ހާދިސާ ހިނގި ނަގްޗޫ ސަރަހައްދުގައި 1،600 އަށްވުރެ ގިނަ ރެސްކިއު އޮފިޝަލުންނާއި އެހީތެރިން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް، މައި ބިންހެލުމަށްފަހު އެ ސަރަހައްދަށް އަންނަމުންދާ ގިނަ އަދަދެއްގެ އިތުރު ލޮޅުންތަކުގެ (އާފްޓާޝޮކްސް) ސަބަބުން ސަލާމަތީ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މި ލޮޅުންތަކުގެ ސަބަބުން އިތުރު އިމާރާތްތަކެއް ވެއްޓުމުގެ ބިރު ބޮޑުވެފައިވާއިރު، ރެސްކިއު ޓީމުތަކުން ދަނީ ސަލާމަތީ ފިޔަވަޅުތަކާއެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވި 54 މީހުންނަށް އެ ސަރަހައްދުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ގެދޮރު ގެއްލުނު މީހުންނަށް ބޭނުންވާ ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.