ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ އަލީ ޖުމާން އެވެ. އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ، ތަންތަނުގައި ހުޅުޖަހައި ފިހާރަތައް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދިން މައްސަލައިގައެވެ.
ސޯޝަލް މީޑިއާގައި "ޑެތު" ގެ ނަމުގައި ހަރަކާތްތެރިވާ ޖުމާންއަކީ، މިދިޔަ މެއި މަހު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ.
މީގެ އިތުރުން، ސަރުކާރުގެ މުހިންމު ތަންތަނުގައި ހުޅުޖެހުމަށް ހިތްވަރުދީ ވާހަކަދެއްކި މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ދާދިފަހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.