ads
ރައީސް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޕާކިސްތާނު ދަތުރުފުޅުފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
Advertisement

މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔަ އެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤް ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ޞާދިޤާއި، ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ ހިމެނިވަޑައިގަންނަވަ އެވެ.

މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާޢީ އަދި ސަލާމަތީ ދާއިރާގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ގުޅުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ޤައުމުންވެސް ވަނީ އެއްބަސްވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ދެ ޤައުމުން ވަނީ ޢަޒުމް ކަނޑައަޅާފަ އެވެ.

އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ، ދިވެހިރާއްޖެއާއެކު ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހީ ދާއިރާއާއި، އިމާރާތްކުރުމާއި، އިންޖިނިއަރިންގ އާއި، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތުތައް ހޯދުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.

މީގެ އިތުރުން، ގައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒުހިފާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވި އެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ، ވިޔަފާރިއާއި ފަތުރުވެރިކަމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ އެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ތަޢުލީމާއި، ޞިއްޙަތާއި، ޘަޤާފަތް އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްވެސް މަސައްކަތްކުރެވުނެވެ. ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްބާވަތުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފަ އެވެ.

މި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ، ފާއިތުވި 60 އަހަރުގެ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުން ވެފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ އަމަލީގޮތުން ހޯދައިދިނުމަށް ދެ ގައުމުންވެސް ސާބިތުކަމާއެކު ތިބިކަން ކަށަވަރުކޮށްދެމުންނެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް