އެ ސެންޓަރުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ބައިވެރިވެ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ހޯދި ކާމިޔާބީތައް އާއްމުކޮށްފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދާ ބައެއް މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
5 މިލިއަނަށް ގެއްލުނު ހޯދުނީ 3 މިލިއަން
ފުލުހުން ބުނީ މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް އެ ތިން މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް އާއްމުން ރިޕޯޓްކުރިކަމަށެވެ އެ މައްސަލަތަކުގައި ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ . އެނަމަވެސް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 3،104،075.38 ރުފިޔާ ވަނީ އަނބުރާ ހޯދިފައިކަމަށް ފުލުހުން ބުނެ އެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތަކަމަށާއި މި ނަތީޖާއަކީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާއއްކަމަށް ފުލުހުން ބުނެ އެވެ.
ދިވެހިންގެ ތެރޭގައި އާ އުކުޅުތައް، ލޯބިވެގެން ކަމަށް ހެދިވެސް ފައިސާ ހޯދާ
ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުން ނުވަތަ ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން މިިދޔަ ތިން މަހުގެ ތެރޭގައި އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ވަނީ ރެކޯޑްކުރެވިފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. މި ހިސާބުތަކުން ދައްކައިދެނީ، އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަމެވެ.
ސްކޭމް ހިންގާ 800 ވުރެ ގިނަ މީހުން، 17 މީހުން ހައްޔަރު 1000 ވުރެ އެކައުންޓްތައް ފްރީޒް
މިދިޔަ ތިން މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ވަނީ ދެނެގަނެވިފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ތަހުގީގުތަކާ ގުޅިގެން އޭގެތެރެއިން އިން 17 މީހަކު ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ހިފަހައްޓައި ފްރީޒްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ފުލުހުން ބުނެ އެވެ.
ރާއްޖޭގައި އެންމެ ގިނައީ އޮންލައިން ސްކޭމް
ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތައްކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ދުނިޔޭގެ ނަމްބަރުތައް ނުރައްކާތެރި މިންވަރަށް އިތުރު
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" އަކީ ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމާއެކު، އިންޓަޕޯލް (އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން) އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގެ ބައިނަލްއަގުވާމީ ނަތީޖާތަކަށް ބަލާއިރު، އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ވަނީ ހުއްޓުވާފައިވާކަމަށް ފުލުހުން ބުނެ އެވެ އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ދެނެގަނެވިފައިވާކަމަށްވެސް ފުލުހުން ބުނެ ބުނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ތުހުމަތުކުރެވޭ 3،500 އަށް ވުރެ ގިނަ ފަރާތެއް ދެނެގަނެވިފައިވާކަމަށާއި 15،500 އަށް ވުރެ ގިނަ މީހުން މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާކަމަށް ފުލުހުން ބުނެ އެވެ. 4،126 ބޭންކު އެކައުންޓަކާއި މަކަރާއި ހީލަތް ހިންގުމަށް ބޭނުންކުރި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފައިކަމަށް ފުލުުން ބުނެ އެވެ.
މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ، އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.