މި ބައްދަލުވުން އޮތީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި، އާރްބީއައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް ބޭއްވި ބައިނަލްއަގުވާމީ ސެމިނާ "ސަމްވާދު 2026" ގެ ހަވާސާގަ އެވެ.
އެ ބައްދަލުވުމުގައި، 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަ ހަމަޖައްސައި ދެއްވި ކަމަށްޓަކައި އާރްބީއައިގެ ގަވަރުނަރަށް އެމްއެމްއޭގެ ގަވަރުނަރު ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުވުމުގައި އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ "ޕާސަން-ޓު-މާޗަންޓް" ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގުފަހިކޮށްދީ، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ގަވަރުނަރުން މަޝްވަރާކުރެއްވިކަމަށް އެމްއެމްއޭއިން ވަނީ ބުންޏެވެ.
"ފަވަރަ"އާއި، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް "ޔޫޕީއައި" ގުޅާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 30ވަނަ ދުވަހު އެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ތާރީހުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއްކަމަށް އެމްއެމްއޭއިން ފާހަގަކުރައްވަ އެވެ. މިއާއިއެކު ދެ ގައުމުގެ ދެމެދުގައި ފައިސާ ފޮނުވުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
ބައްދަލުވުމުގައި ދެ ޤައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް ދެ ގަވަރުނަރުން މަޝްވަރާތަކެއް ކުރެއްވި އެވެ.