ވިހެއިތާ ދެ މަސް ދުވަސް ވެސް ނުވަނީސް އޭނާ ރަންވޭ މަތިން ފެނިގެންދިޔުމުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.
ނިއުޔޯކުގައި ބޭއްވި މި ހާއްސަ ފެޝަން ޝޯގައި ބާބަރާ ހިނގަމުން ދިޔަ ވަގުތު، އޭނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ޑިލަން ސްޕްރައުސް ވަނީ ގޮނޑިން ތެދުވެ ވަރަށް ބާރަށް އަތްޖަހައި ހަޅޭއްލަވައިގެން އޭނާއަށް ތަރުހީބު ދީފައެވެ. އޯޑިއަންސްގެ ކުރީ ސަފުގައި އިނދެ ޑިލަން ދެއްކި މި ޖޯޝާއި ލޯބި ފެނިގެންދިޔަ ވީޑިއޯތައް ވަގުތުން ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެގެން ގޮސްފަ އެވެ.
ބާބަރާ އާއި ޑިލަންގެ ފުރަތަމަ ދަރިފުޅު އުފަންވެފައިވަނީ މީގެ އެންމެ ހަ ހަފުތާ ކުރިންނެވެ. ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާ އެކު، މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ފުރިހަމަ ސިފައެއްގައި ރަންވޭއަށް އެނބުރި އައުމުން ބައެއް ފަރާތްތަކުން އޭނާގެ ހިތްވަރަށް ތައުރީފު ކުރިއެވެ. ނަމަވެސް އަނެއް ބަޔަކު ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި އިވެންޓަށްފަހު ފެޝަން ދާއިރާގެ ބައެއް ފަރާތްތަކުން ބުނެފައިވަނީ، "ވިހެއުމަށްފަހު މިހާ އަވަހަށް ރަންވޭއަށް ނުކުތުމަކީ އާދައިގެ ކަމެއް ނޫން" ކަމަށެވެ. އަދި ބާބަރާ ދެއްކި ހިތްވަރަކީ ގަބޫލުކުރަން ވެސް ދަތި މަންޒަރެއް ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މިހާރު ވަނީ ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑާއި މައިވަންތަކަމުގެ މިންގަނޑުތަކާ މެދު ބޮޑު ބަހުސެއް އުފެދިފަ އެވެ. އެއްބަޔަކު ބުނަނީ މިއީ އާންމު އަންހެނުންނަށް ޕްރެޝަރު ބޮޑުވާނެ ކަމެއް ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ އަންހެނުންގެ ވަރުގަދަކަމާއި އެމީހުންގެ އަމިއްލަ އިހުތިޔާރު ހާމަކޮށްދޭ ރީތި މިސާލެކެވެ.