ads
ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވަނީ - ފޮޓޯ/ރައީސް އޮފީސް
މި ފެށުނީ ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމުގެ އާ ބާބެއް: ރައީސް
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފެށިގެން މިދިޔައީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެ މަނިކުފާނު އެހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އިއްޔެ އެ ގައުމަށް ފެއްޓެވި ދަތުރުފުޅުގައި ދެއްވި ގުޅިފައިވާ ބަޔާނުގަ އެވެ. 

ބޮޑުވަޒީރު ޝެހްބާޒާ އެކު ހުންނަވައިގެން ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ޕާކިސްތާނާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ހާސިލް ކުރުމަށް ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. 

"އަޅުގަނޑަށް ޔަގީންވި ކަމަކީ ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމުގެ އިތުރު ފުރުސަތައް ހުޅުވިގެން ދިޔަކަން. ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބުނު،" ބޮޑުވަޒީރު ޝެހްބާޒާ އެކު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަލުން ވައިގެ ދަތުރުތައް ފެށުމަށް މަޝްވަރާކުރަމުން އަންނަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ޓޫރިޒަމާއި ވިޔަފާރިއަށް ވެސް ހުޅުވޭނެ ދޮރެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ހަލާލް ޓޫރިޒަމްގެ ދާއިރާއަށް މީގެ ސަބަބުން ކުރިއެރުން އަންނާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ލީޑަރުންގެ ދެމެދުގައި މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް، މަޝްވަރާގެ މަތިން ހައްލުކުރުމަށާއި އެ ހަމަނުޖެހުން ކުޑަކުރުމަށް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ކުރަމުން އަންނަ ސިޔާސީ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތައުރީފު ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގަ އެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް