އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން ރައީސްގެ ދެކަނބަލުންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. މިގޮތުން، އެ މަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފަ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ހިނގާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެއް ވެސް މެއެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް މި ވަޑައިގަންނަވަނީ ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައި ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 26 ޖުލައި 1966ގަ އެވެ.
ރައީސްގެ މި ދަތުރުގެ ތެރެއިން ޕާކިސްތާނާ އެކު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއި ވެސް ކުރަން ހަމަޖެހިފައިވެ އެވެ.