ads
ރަސްމާލޭގެ މަޝްރޫއާއި އެކު އެތަނުގައި ޔަހޫދީން އާބާދު ނުވާނެ ކަމަށް ރައީސް ވިދާޅުވި
ރަސްމާލޭގެ އެއްވެސް ތަނެއް އިޒްރޭލު މީހަކަށް ނުގަނެވޭނެ: ރައީސް
ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއުގެ ދަށުން، އިޒްރޭލުގެ މީހަކަށް ތަނެއް ހޯދުން ނުވަތަ ގަތުން މަނާ ވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ އޮތީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ކަމަށާއި އެތަނުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށެވެ.

"މިއީ ދިވެހި ދައުލަތުގެ ތެރޭގައި އޮތް ބިމެއް. ހުރިހާ ގޮތަކުންވެސް ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި މި އޮތީ. އެހެންވީމާ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ އެއް ގޮތަކަށްވެސް ފުރުސަތެއް އޮތް ކަމެއް ނޫން އެހެން ދީނެއް ޕްރެކްޓިސް ކުރަން. ދީނެއްގެ މީހުން އެތަނުގައި އެ މީހުންގެ ދީނީ ކަންތައްތައް ކުރުމަށްޓަކައި އެކި ކަހަލަ ކަންތައްތައް އެތަނުގައި ހިންގުމަށް ފުރުސަތު ދިނުމަކީ އެއީ ރާއްޖޭގެ އިމުގެ ތެރޭގައި ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިނގާނެ ކަމެއް ނޫން. ހިންގޭނެ ކަމެއްވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި އިސްލާމްދީން ނޫން އެހެން ދީނެއްގެ ކަންކަން ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެކަން ބަދަލުކުރެވޭނެ ވަރުގެ ބަޔަކު ނާންނާނެ ކަމަށެވެ.

ރަސްމާލެ ތަރައްގީކުރުމުގެ ވިސްނުންފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުން މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބޮޑެތި އިންވެސްޓްމަންޓްތައް ނާންނަ ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓްތަކުގައި ދިރިއުޅެން ފެށޭއިރު ބޭނުންވާނެ ތަރައްގީއާއި ބޮޑެތި އިންވެސްޓްމަންޓްތައް އެއްފަހަރާ ގާއިމުކުރުމުގެ އަމާޒުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ދެ ލައްކައެއްހާ ޓޫރިސްޓުން ނޫޅޭ ވަގުތެއް ނުދާނެ. އެކަމަކު ރިސޯޓުތަކުގައި ވެސް އެ މީހުން އަޅުކަން ކުރާނެ އިމާރާތްތަކެއް ނުހުރޭ. މިސްކިތް ހުންނާނީ. ރަސްމާލޭގައި ވެސް ހުންނާނީ މިސްކިތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ތަންތަނަށް، އެތަންތަން ގަންނަ ފަރާތްތަކުން ނުވަތަ ޓޫރިސްޓުން ހަމައެކަނި ޒިޔާރަތްކޮށްފައި ދާނީ ކަމަށާއި އެތަނުގައި އެއްވެސް ކަހަލަ ދީނީ ކަމެއް ހިންގޭނެ ފަދަ ގޮތަކަށް ނުހުންނާނެ ކަމަށެވެ.

އަދި 500 ހެކްޓަރުގެ އެ ބިމުގައި ސްކޫލެއް ވެސް ނުހުންނާނެ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތް އެތަނުން ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.


މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް