"ކްލިކް ލެބްސް" ގެ ދިރާސާވެރިން އުފެއްދި މި ނިޒާމަކީ ސިއްހީ ދާއިރާގައި ނުހަނު މުހިންމު އަދި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި އޭއައި މޮޑެލް މަސައްކަތްކުރަނީ އިންސާނާގެ އަޑުގެ "ވޯކަލް ސްޕެކްޓްރޯގްރާމް" ޕެޓަރންތައް ވަރަށް ފުރިހަމައަށް ތަހުލީލުކޮށްގެންނެވެ. އިންސާނާގެ ލޭގައި ހަކުރު ހުންނަ މިންވަރަށް އަންނަ ބަދަލުތަކާ ގުޅިގެން އަޑަށް އަންނަ ވަރަށް ކުދި އަދި އާންމުކޮށް ފާހަގަނުކުރެވޭ ފަދަ ބަދަލުތައް ނުވަތަ "އެކޫސްޓިކް މާކާސް" ތައް ދެނެގަތުމުގެ ގާބިލުކަން މި ނިޒާމަށް ލިބިގެންވެއެވެ. މި އީޖާދީ ނިޒާމުގެ އެހީގައި 71 އިންސައްތައަށްވުރެ މަތީ ސައްހަކަމާއެކު ޓައިޕް 2 ހަކުރުބަލި ދެނެގަނެވޭކަން ދިރާސާތަކުން ވަނީ ކަށަވަރުވެފަ އެވެ.
މި ނިޒާމުގެ ސަބަބުން ފަސޭހަކަމާއެކު، އަދި ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި ހަކުރުބަލި ހުރިކަން ދެނެގަތުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. ޚާއްސަކޮށް، އާދައިގެ ސްމާޓްފޯނެއް ބޭނުންކޮށްގެން ނަގާ ކުރު އަޑުގެ ރެކޯޑިންއަކުން މިފަދަ ތަހުލީލެއް ކުރެވޭނެ ގޮތް ވުމަކީ، ކުރިއަށް އޮތް ތަނުގައި ހަކުރުބަލި ކުރީކޮޅު ދެނެގަތުމަށް ސިއްހީ އެހީތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.