ads
ނަދާ ޓީޗަރު
ނަދާ ޓީޗަރުގެ ސުވާލު: ޓީޗަރުންނަށް އިންޝޫރެންސް ނުލިބެނީ ކީއްވެ؟
ސޯޝަލް މީޑިއާގައި ކިޔަވައިދިނުމުގެ މުހިންމުކަމާއި، މުދައްރިސުންގެ ދުޅަހެޔޮކަމާއި، ދަރިވަރުންނަށް ލޯތްބާއި ކުލުނު ދިނުމުގެ މުހިންމު ވާހަކަތައް އަބަދުވެސް ހިއްސާކުރަމުން އަންނަ ޓީޗަރު ނަދްލީނާ (ނާހިދާ އަބްދުﷲ) މިފަހަރު ސޯޝަލް މީޑިއާއަށް ދޫކޮށްލީ ވަރަށް އަސަރުގަދަ، އެހާމެ ހިތްދަތި ހަގީގަތެކެވެ.
Advertisement

މިއީ ހަމައެކަނި އެންމެ މުދައްރިސެއްގެ ވާހަކައެއް ނޫނެވެ؛ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖީލުތައް ބިނާކުރަން ތިބި އެތައް ހާސް ޓީޗަރުންނެއްގެ ހިތުގެ އުދާހެވެ.

ފަރުވާ ނުހޯދި އަނބުރާ ރަށަށް ދާންޖެހުނު ޓީޗަރު

ނަދާ ޓީޗަރު ހިއްސާކުރި ވާހަކައަކީ ނިމިދިޔަ ހަފުތާގައި އަތޮޅުތެރޭގެ ސްކޫލެއްގެ ޓީޗަރަކަށް ދިމާވި ހިތްދަތި ތަޖުރިބާއެކެވެ.
ކުލާހުގައި ކޮޅަށް ހުރެ ކިޔަވައިދިނުމާއި، ގޮނޑީގައި އިށީނދެ އިނދެ ދަރިވަރުންގެ ފޮތްތައް މާކުކުރުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެތައް ގަޑިއިރެއް ހޭދަކުރުމުގެ ސަބަބުން، އެ ޓީޗަރުގެ ބުރަކަށީގެ މައިބަދައަށް ވަނީ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ހާލު ބޮޑުވެ، ސަލާމް ބުނެގެން ޑޮކްޓަރަށް ދައްކަން މާލެ އަންނަން މަޖުބޫރުވިއެވެ. ނަމަވެސް، މާލޭގައި ތިބެގެން ބޭސްފަރުވާ ކުރުމަކީ އަތޮޅުތެރޭގެ އާދައިގެ މުދައްރިސަކަށް ކަތާވަރުގެ ކަމެއް ނޫނެވެ. ދަތުރުފަތުރާއި، ހުރުމާއި، ކެއިންބުއިމުގެ އިތުރުން މެޑިކަލް ޓެސްޓުތަކާއި ފަރުވާއަށް ދާ ބޮޑު ހަރަދު އަތްނުފޯރާ ފަށަށް ދިޔުމުން، ބަލި ފަސޭހަނުވަނީސް އެނބުރި ރަށަށް ދާން އެ ޓީޗަރަށް މަޖުބޫރުވީއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއެކު، އުއްމީދު ގެއްލިފައިވާ ހާލުގައެވެ.

"އުފެދޭ ސުވާލަކީ ކީއްވެގެންބާ މެޑިކަލް އިންޝުއަރެންސްއެއް ހާމިންވަރުވެސް ނުލިބެންވީ، މުދައްރިސުންނަކީ ގައުމަށް މިހާ މުހިންމު ބަޔަކަށް ވީއިރު؟ މުދައްރިސެއްގެ ހައިސިއްޔަތުން މީ އަޅުގަނޑު ވަރަށް ދެރަވާ، އަޅުގަނޑުގެ ވަރަށް ބޮޑު ޝަކުވާއެއް. ޓީޗަރުންނާ ނުލާ ކުދިންނަށް އުނގަންނައިދެވޭނެތޯ؟" ނަދާ ޓީޗަރު ސުވާލު އުފެއްދިއެވެ.

ފަރަގު ބޮޑު ދެ ދުނިޔެ: މަޖިލިސް މެންބަރުންނާއި ޓީޗަރުން

ނަދާ ޓީޗަރުގެ މި ސުވާލު މުޖުތަމައުގެ ތެރޭގައި މިހާ ބޮޑަށް ގުގުމައިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން އިސްވެރިންނަށާއި ސިޔާސީ ބޭފުޅުންނަށް ދެމުންދާ ބޮޑެތި އިނާޔަތްތަކާ މިކަން އަޅާކިޔަން ފެށުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަލާއިރު، ދައުލަތުގެ ޚަރަދުގައި އެ ބޭފުޅުންނަށް ފުރިހަމަ ވީއައިޕީ މެޑިކަލް އިންޝުއަރެންސް ލިބެ އެވެ. އެކަން އޮތީ ހަމައެކަނި މެންބަރަށް އެކަންޏެއް ވެސް ނޫނެވެ؛ މެންބަރުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި، ދަރިންނަށާއި، އަދި މައިންބަފައިންނަށް ވެސް އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް އިންޝުއަރެންސް ލިބެ އެވެ.

މަޖިލީހުގެ 90 އެއްހާ މެންބަރުންނާއި އެ ބޭފުޅުންގެ މުޅި އާއިލާއަށް ދައުލަތުން މިލިއަނުން ޚަރަދުކޮށްގެން ސިއްހީ އިންޝުއަރެންސް ކަށަވަރުކޮށްދޭއިރު، އެތައް ހާސް ދަރިވަރުންނެއްގެ މުސްތަގުބަލު ބިނާކުރަން ރެޔާއި ދުވާލު ދާ އޮހޮރުވާ ޓީޗަރުން ތިބީ އާދައިގެ އާސަންދައިގެ ޚިދުމަތަށް ސަލާންޖަހާ ހާލުގަ އެވެ.

މެންބަރުންގެ މައިންބަފައިންނަށް ވެސް ދައުލަތުން އިންޝުއަރެންސް ދޭއިރު، މުޅި ގައުމުގެ ދަރިން ބަލަހައްޓާ ޓީޗަރަށް އަމިއްލަ ނަފްސުގެ ސިއްހަތު ރައްކާތެރިކުރެވޭނެ ގޮތެއް ނެތުމަކީ އިންސާފެއްތޯ މިއަދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ހައްލަކަށް އެދި ކުރާ އިންތިޒާރު

ޓީޗަރުންގެ ވަޒީފާއަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިންތިހާއަށް ބުރަ މަސައްކަތެކެވެ. އަޑުފޮއްޓަށް ލިބޭ ގެއްލުންތަކާއި، ކަށީގެ ބަލިތަކާއި، ދިގުލީ ސްޓްރެސްއަކީ ޓީޗަރުންނަށް އާންމުކޮށް ކުރިމަތިވާ މައްސަލަތަކެވެ. 

މިފަދަ ބުރަ މަސައްކަތެއް ކުރާ ބަޔަކަށް އެކަށީގެންވާ ސިއްހީ ރައްކާތެރިކަމެއް ނެތުމަކީ އެ ދާއިރާ ދޫކޮށް މީހުން ދިޔުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ނަދާ ޓީޗަރު އެދެނީ މާ ބޮޑު ކަމަކަށް ނޫނެވެ. ސިޔާސީ ބޭފުޅުންނަށް ދޭ ފަދައިން މުޅި އާއިލާއަށް އިންޝުއަރެންސް ނުދެވުނު ކަމުގައި ވިޔަސް، މަސައްކަތްކުރާ ކޮންމެ މުދައްރިސެއްގެ އަމިއްލަ ނަފްސަށް ނަމަވެސް އެކަށީގެންވާ މެޑިކަލް އިންޝުއަރެންސެއް ލިބޭނެ ދުވަހަކަށެވެ.

ދައުލަތުގެ އިސްވެރިން ވިސްނާލަންވީ އެންމެ ކަމަކާއެވެ؛ ޓީޗަރަކު ނެތި ޑޮކްޓަރެއް، އިންޖިނިއަރެއް، އަދި މަޖިލިސް މެންބަރެއް ވެސް އުފެދިގެން ނާންނާނެއެވެ. ޓީޗަރުންގެ ހައްގުތަކާއި ސިއްހަތަށް އިސްކަން ނުދީ ގައުމެއްގެ ތައުލީމީ ބިންގާ ވަރުގަދައެއް ނުކުރެވޭނެ އެވެ.

58%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް