ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލާފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން އެވެ.
އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ރައީސް އޮފީހާއި ސުޕްރީމް ކޯޓާއި ރައްޔިތުން މަޖިލީހުގައި ހުޅު ނުޖަހަންވީ ކީއްވެތޯ އަހާފަ އެވެ. އަދި އެކަން ކުރުމުން ވަރަސް މަޖާވާނެކަމަށްވެސް އޭނާގެ ޕޯސްޓުގައި ވެއެވެ.
ދައުލަތުގެ ތިން ބާރުގައި ރޯކޮށްލަން ގޮވާ ކުރި ޕޯސްޓް
ފުލުހުން ބުނީ ހަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ހުއްޓާ ޒިހާން އެ މަގާމުން ވަކިކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ކުރި ޕޯސްޓުތަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން މަގާމުން ސަސްޕެންޑްކުރުމަށްފަހު ފަހުން ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ.