ads
މާލީ ބައިވެރިވުން އިތުރުވުމާއި ގުޅިގެން ލިބޭ ތަނަވަސްކަން!
އިގްތިޞާދީ ގޮތުން ދުޅަހެޔޮ، ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި މާލީ ނިޒާމުގެ ތެރޭގައި އެންމެހައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މާލީ ބައިވެރިވުން (Financial Inclusion) އިތުރުވުމަކީ ހަމައެކަނި ބޭންކު އެކައުންޓެއް އޮތުމެއް ނޫނެވެ. އޭގެ މާނައަކީ ރައްކާތެރި، ލުއިފަސޭހަ އަދި އަގުހެޔޮ މާލީ ހިދުމަތްތައް ހަމަހަމަކަމާއެކު އެންމެންނަށް ލިބި، މާލީ ނިންމުންތައް ނިންމުމުގައި އަމިއްލަ ބާރުވެރިކަން ލިބިގެން ދިޔުމެވެ. މީގެ ސަބަބުން ގައުމަށާއި އާއިލާ ތަކަށާއި ވަކިވަކި ފަރުދުންނަށް ލިބޭ ތަނަވަސްކަމާއި ފާގަތިކަން - މާލީ ނަފާ އިންތިހާއަށް އިތުރުވެގެން އަންނަ ކަމަށް އިގްތިސޯދީ މާހިރުން ލަފާދެ އެވެ.
Advertisement

މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމެވެ. ފައިސާ ހޯދުމާއި، ހަރަދުކުރުމާއި، އިގުތިސާދުކުރުމުގެ ރަނގަޅު އާދަތައް އަށަގަންނުވަން ޖެހެ އެވެ. ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާއެކު ޑިޖިޓަލް މާލީ މުއާމަލާތްތައް އިތުރުވަމުންދާ މި ދައުރުގައި، އޮޅުވާލައިގެން ފައިސާ ފޭރުމުގެ ނުރައްކާތަކުން ރައްކާތެރިވާނެ ގޮތްތައް މީހުންނަށް އުނގަންނައިދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މާލީ ހޭލުންތެރިކަން މުޖުތަމައުގައި އަށަގެންފިނަމަ، ދަރަންޏަށް ޒިންމާދާރުކަމާއެކު އެދުމާއި، ކުރިމަގަށް އިންވެސްޓްކުރުމުގެ ގާބިލުކަން ފަރުދުންގެ ކިބައިގައި އަށަގަންނާނެއެވެ. މިއީ މުޅި މުޖުތަމައު ފަގީރުކަމުން އަރައިގަތުމަށް ލިބޭ ބޮޑު ބާރެކެވެ.

މީގެއިތުރުން، ގައުމެއްގެ އިގްތިސާދީ އޮނިގަނޑު ހަރުދަނާކުރުމަށް އެކުލަވާލެވޭ މަނިޓަރީ ސިޔާސަތުތަކަށް އާންމުންގެ ބައިވެރިވުމާއި ހިޔާލު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މަރުކަޒީ ފެންވަރުގައި ނިންމާ މާލީ ނިންމުންތަކުގެ އަސަރު އެންމެ ފުރަތަމަވެސް ކުރަނީ އާދައިގެ ރައްޔިތުންނަށެވެ. އެހެންކަމުން، ސިޔާސަތުތައް އެކަށައެޅުމުގައި އާންމުންގެ އަޑުއަހައި، ވިޔަފާރިވެރިންނާއި ޢާންމު ފަރުދުންގެ ހިޔާލު ހޯދުމަކީ އިތުބާރު ބޮޑުވެ، ސިޔާސަތުތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ރައްޔިތުން މާލީ ނިޒާމުގެ ތެރެއަށް ވެއްދުމަށް ލިބޭ އިތުރު ހިތްވަރެކެވެ.

މާލީ ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގައި މަރުކަޒީ ބޭންކުތަކުގެ ދައުރު ނުހަނު ބޮޑެވެ. މަރުކަޒީ ބޭންކަކީ ހަމައެކަނި ފައިސާ ޗާޕުކޮށް، ބޭންކުތައް ރެގިއުލޭޓްކުރާ އިދާރާއެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެހައި ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ އިންކްލޫސިވް މާލީ ނިޒާމެއް ގާއިމުކުރުމަށް ސިޔާސަތުތައް އެކުލަވާލުމާއި، މާލީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައި ހިންގުމަކީ މަރުކަޒީ ބޭންކުގެ މަސްއޫލިއްޔަތެކެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބޭނެ މަގުތައް ފަހިކޮށްދިނުމާއި، އަތޮޅުތަކުގެ އެކަހެރި ރަށްރަށަށްވެސް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބާރުއެޅުމަކީ މަރުކަޒީ ބޭންކުތަކުން އަދާކުރަންޖެހޭ މުހިންމު ދައުރެކެވެ.

މާލީ ގޮތުން ބާރުވެރިވެ، އިންސާނީ ތަނަވަސްކަން އިތުރުވުމަކީ މުޖުތަމައުގެ ކުރިއެރުމުގެ މައިބަދައެވެ. އިންސާނީ ތަނަވަސްކަމަކީ ހަމައެކަނި ފައިސާގެ މުއްސަނދިކަމެއް ނޫނެވެ. އެއީ ދުޅަހެޔޮ ސިއްހަތަކާއި، ރަނގަޅު ތައުލީމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމުގެ ގާބިލުކަމެވެ. މާލީ ބައިވެރިވުން އިތުރުވުމުން އާއިލާތަކަށް ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެ، އިޖުތިމާއީ އަދި އިގްތިސާދީ ފަރަގު ކުޑަވެގެންދެ އެވެ. ނަތީޖާއެއްގެ ގޮތުން، ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވެވެ އެވެ.

އިގްތިސޯދީ ފަންނުވެރިއަކު ވިދާޅުވީ ފައިސާ ރައްކާކުރުމާއި ބަޖެޓް ހެދުމާއި ހަލާލު އިންވެސްޓް ކުރުމާއި ރިސްކް ހިއްސާ ކުރުމާއި އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މައުލޫމާތު މުޖްތަމައުގެ ގިނަ ބަޔަކަށް އިނގިފައި އޮތުމަކީ މާލީ ހޭލުން ތެރިކަން އިތުރުވެފައިވާ މުޖްތަމައެއް ބިނާ ކުރުމަށް މުހިންމު ބިންގަލެކެވެ.

"އަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ "މާލީ ހުނަރުތައް" ދަސްކޮށްދިނުމާ އެކު، ރާއްޖޭގައި ފައިނޭންޝަލް ލިޓްރަސީ ކުރިއެރުވުމަށް ޝަރީއާއާ އެއްގޮތްވާ އާ ހައްލުތައް ހޯދުމަކީ މުހިންމު ކަމެއް، އަދި ފައިނޭންޝަލް ލިޓްރަސީ ޓޫލްތައް ތައްޔާރު ކުރުމާއި ހިދުމަތް ނުލިބޭ މުޖުތަމައުތަކަށް އެކުލެވޭ މާލީ ހައްލުތައް އުފެއްދުމާއި ފިންޓެކްގެ ޒަރީއާ އިން އިސްލާމީ ފައިނޭންސްގައި އާ ގޮތްތައް ހޯދުން މިއަދު ދިވެހިންނަށް މުހިންމު ވެއްޖެ " އޭނާ ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ އިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ އިގުތިސާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ދިވެހިންނަށް ހިތްވަރު ދިނުމަކީ ހާއްސަކޮށް ޓޫރިޒަމާއި ދެމެހެއްޓެނިވި އިގުތިސާދަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ތެދެކެވެ. މާލީ ބައިވެރިވުން އިތުރުވުމަކީ ގައުމެއްގެ ތަނަވަސްކަމާއި ފާގަތިކަމުގެ ބިންގަލެވެ. މިކަން ހާސިލުކުރެވޭނީ މާލީ ހޭލުންތެރިކަން އާލާކޮށް، މަރުކަޒީ ބޭންކުތަކުގެ އިސްނެގުމާއެކު ރައްޔިތުންގެ ހިޔާލު ސިޔާސަތުތަކުގައި ހިމަނައިގެންނެވެ. އޭރުން އިންސާނީ ތަރައްގީއާއި ތަނަވަސްކަން އިތުރުވެ، އަމާން އަދި ފުދުންތެރި މުޖުތަމައެއް ބިނާވެގެންދާނެ އެވެ. މިކަން ވާނީ މިއަދުގެ މާލީ މާހައުލެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދިވެހިންނަށް، ހާއްސަކޮށް ޒުވާނުންނަށް ދެވިގެން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް