ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ.
މި ހާއްސަ އިވެންޓަކީ ހުރިހާ ފަރާތްތަކަށް ވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވައިގެން ކުރިއަށްގެންދާ ރާއްޖޭގެ ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަންނަ ބޮޑު އީދެއްކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން ބުނި ގޮތުގައި މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކާއި، ގޭމިން ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ފެނިގެންދާނެ އެވެ.
އެގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް، އަދި ރޮކެޓް ލީގްގެ ފޯރިގަދަ ފައިނަލް މެޗުތައް ކުރިއަށްދާނެ އެވެ.
މި ގޭމްތަކުގެ އިތުރުން އީއޭ ސްޕޯޓްސް އެފްސީ 27 އަދި ޓެކެންގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތްތަކުގެ އިތުރުން ވެސް، މި އިވެންޓުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެ އެވެ.
މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ، ރޭސިން ސިމިއުލޭޓާ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީއެންޑްޑީ)" ފަދަ ޝައުގުވެރި ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000ރ.ގެ ބޮޑު ފައިސާގެ އިނާމަކާ އެކު އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޑީޖީޖީ ވެބްސައިޓުން ލިބޭނެ އެވެ.