ads
ކައްވަޅުގެ ކަސްތަޅު
އެޕިސޯޑް 01
Advertisement

ފަތިހުގެ ފިނިކަމެއް ނުކެނޑެ އެވެ. އިރުގެ ދޯދިތަކުގެ އަލިކަން ފާޅެއް ނުވެ އެވެ. އަޅިކުލަ ނޫނީ ކާއިނާތުގައި ނުވެ އެވެ. ކުރެހުން ތެރިއަކު ފުރިހަމަނުކޮށް އޮތް ކުރެހުމެއް ފަދަ އެވެ. ކުލައެއް ނެތް، ހިތްގައިމު ކަމެއް ނެތް ޕޯސްޓަރެއް ފަދަ އެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅީގައި ދިރުމެއްވެސް ނެތެވެ.

މަދުން ނޫނީ މީހެއްގެ ހިލަމެއް ނުވާ ހިމޭން މަގުތަކުގައި އަސްނާ ހިނގަމުން ދިޔައީ އޭނާގެ ބަހުގެ ވަގުތު އަންދާޒާ ކުރަމުންނެވެ. ހުޅުމާލޭގެ ގެއިން ބަހަށް، އަސްނާ ދާނީ ހިނގާފަ އެވެ. މާލެއަށް ގޮސް ބަހުން ކޮލެޖަށްވެސް އަސްނާ ދާނީ ހިނގާފަ އެވެ. އެދެމެދުގައި ގެއްލިގެންދާ ވަގުތާއިމެދު އޭނާގެ ޝަކުވާއެއް ނެތެވެ. 

އިސްއުފުލައި ބަލައިވެސް ނުލައި އަސްނާ ހިނގަމުން ދިޔައީ އޭނާގެ ވަށައިގެން އޮތް މާހައުލާއި މެދު ކުޑަވެސް ފިކުރެއް ނެތި އެވެ. ދުއްވަމުން ދިޔަ ކާރުތަކާއި ހުއްޓުމެއް ނެތް ސައިކަލުތަކާއި މަގުތަކުގައި އަޅާފައިވާ ތާރުގަނޑު ފަޅައިގެން ދާވަރުގެ ބަރު އުޅަނދުތަކުގެ ހަރަކާތްތަކަށް އަސްނާގެ ކުޑަވެސް ސަމާލުކަމެއް ނެތެވެ. 

ކޮންމެ ދުވަހަކު އެއް ވަގުތެއްގައި އެއް ބަހެއްގައި ދަތުރު ކުރާތީ ފެންނަ ފަރިތަ މޫނުތައް އޭނާއަށް ހިނިތުންވުން ރައްދުކުރިއަސް އަސްނާގެ ފަރުވާލެއް ނެތެވެ. އެމީހުންނަށް މަރުހަބާ ކިޔުމާއި ހެނދުނުގެ ތަހުނިޔާތަކަށް ޖަވާބު ދިނުން އޭނައަށް މުހިއްމެއް ނޫނެވެ.  

އެއިން މީހެއްގެ ލޮލަށް ބެލުމެއް ނެތެވެ. މޫނާއި ކަނދުރާއަށް ބެލުމުގެ ޝައުގުވެރިކަމެއްވެސް ނެތެވެ. މިއީ ހަމައެކަނި މިއަދުގެ އާދައެއް ނޫނެވެ. ފާއިތުވި ދޮޅު އަހަރެއްހައި ދުވަހު، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގައި އޭނާގެ އާދަ އެވެ. 

އުޑުމަތީގެ ކުލަވެސް އަސްނާއަށް އިނގޭ ކަމާއިމެދު ސުވާލު އުފެއްދިދާނެ އެވެ. 

އާދައިގެ ހިނގުމެއްގައި ކުރިއަށް ދާނެ އެވެ.

ދަތްދޮޅި ވާނީ ތިރިކޮށްލާފަ އެވެ.

ލޮލުގެ ކަޅި އަމާޒުކޮށްފައި ވާނީ އޭނާގެ ބޫޓަށެވެ. 

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅާނެ އެވެ.

މިއީވެސް އާދައިގެ މަތީން އަސްނާއަށް މުޅިން އައު ދުވަހެއްގެ ހެނދުނެކެވެ. 

ސްކޫލްގެ ދަގަނޑު ގޭޓު ހުރީ ހުޅުވާލައިފަ އެވެ. 

ގްރޫޕްތަކަށް ކުދިންތަށް ބައި ހަދައިލައިގެން އެ ކުއްޖެއްގެ ކުލާހާއި ދިމާއަށް މިސްރާބު ޖަހައެވެ. އަސްނާ މަޑުކޮށްގެން އެ ހުރީ ގްރޫޕުތަކަށް ކްލާސްތަކަށް ދިއުމަށް އަވަސްވެގަންނަ ކުދިންގެ ހަރަކާތްތައް މަޑުޖެހެންދެނެވެ. ކުއްޖެއްގެ ގައިގައި ޖެހިނުލައި އޭނާގެ ކުލާހަށް ދިއުމުގެ މަގު އަމާންވޭތޯ އެވެ. އެއް ބަޔަކު އެއް ފަހަރާ ވާހަކަ ދެއްކުމުން  އިވެމުންދާ ގަދަފަދަ އަޑު ހިމޭން ވަންދެން އަސްނާ މަޑުކުރާނެ އެވެ.

ކުދިންގެ ހަރަކާތް ނިމުނަސް މިއަދުވެސް އަސްނާއަށް ޖެހުނީ މަޑުކުރާށެވެ. ލައިގެން އައި މޮޅު ހެދުމާއި އެންމެ ފަހުން ގަތް އަގުބޮޑު ދަބަހާއި ޖަހައިގެން އައި މޮޅު ސެންޓުގެ ވާހަކަ ދައްކާ ޓީޗަރުންގެ ބޭކާރު ވާހަކަތަކުން މިންޖުވާންވެސް އޭނާ ބޭނުމެވެ.  

ގާތްގަނޑަކަށް ހުރިހައި ކުދިން، އެކުއްޖެއްގެ ކްލާސްރޫމްއަށް ވަދެއްޖެ އެވެ. މުޅި ފެންޑާގައި އަސްނާގެ ފިޔަވަޅުގެ އަޑު ނޫނީ މިވަގުތު ފާހަގައެއް ނުކުރެވެ  އެވެ.

ކްލާސް ރޫމަށް ވަދެވިއްޖެ އެވެ. 

އާދައިގެމަތީން މިއަދުވެސް އެއްވެސް ކުއްޖަކަށް އަސްނާގެ އައުން ހާއްސައެއް ނޫނެވެ. އޭނާ ކްލާހަށް ވަންކަން އެނގޭނެ ކުއްޖަކުވެސް ނެތެވެ. އޭނާގެ އަމިއްލަ ގޮނޑި އާއި ޑެސްކް ކަމަށް ބަލައިގެން އުޅޭ ދިމާއަށް މިސްރާބުޖެހި އެވެ. 

ކްލާހުގެ ވާތް ފަޅީގެ ދެވަނަ ބަރިން ކުޑަދޮރާއި އެންމެ ގާތަށް ހުންނަ ޑެސްކާއި ގޮނޑިއަކީ އަސްނާގެ މަގާމެވެ. މަޑުމައިތިރި ކަމާއެކު އިށީނެވެ. ކުރަމުންދިޔަ ފިކުރެއްގެ ހަގީގަތެއް ނޭގި ކުޑަދޮރުން ބޭރު ބަލަން ފެށި އެވެ. މިއީ ކޮންމެ ދުވަހެއްގެ އާދަ އެވެ.

އަމާން ކަމުގައި ފާއިތުވީ ހިނދުކޮޅެކެވެ.

އަސްނާގެ ދެ ކޮނޑާއި ދިމާއިން އޭނާގެ ކަނދުރާގައި ދެ އަތް އަޅުވައިލުމުން ތެޅިގަނެވުނެވެ.

"އަސްނާއަށް އިނގޭތަ ރޭގައި އަހަރެން ކުރިކަމެއް.." އަސްނާގެ ކަންފަތް ދޮށުގައި ބުނެލީ ކާމިޔާބުގެ ރޫހެއްގައި އެވެ.

އެއީ ކާކުގެ ދެ އަތެއްތޯ އާއި އެ ވާހަކަ ދައްކަނީ ކާކުތޯ ބެލުމަށް އެމީހަކާއި ދިމާއަށް އަސްނާ އެނބުރޭކަށް ނުޖެހެ އެވެ. އެއީ ކާކުކަން އޭނާއަށް އިނގެ އެވެ. 

"ގުޑް މޯނިން އައިމާ" މަޑުމަޑުން އަސްނާ ބުނެލި އެވެ.

އަސްނާގެ ބެސްޓް ފްރެންޑް މަޑުމަޑުން ގުދުވެ، އޭނާގެ ކަނދުރާ އާއި ހިސާބަށް ތިރިވި އެވެ. އައިމާ ސަލީމުގެ މޫނުމަތީގައިވާ ހިނިތުންވުން އަސްނާއަށް ފާހަގަ ކުރެވުނެވެ. ކުރުކޮށް ކޮށާލާފައިވާ އައިމާގެ ބުޅި އިސްތަށިގަނޑުގައި މިއަދުވެސް ފުނާ އަޅާފައެއް ނެތެވެ. ޔުނީފޯމްގެ ޓައީގައި ޚާއްސަކަމެއް ނެތެވެ. ފަރުވާ ކުޑަގޮތަކަށް މޭގެ މެދާއި ހަމަޔަށް ޓައީވެސް ވަނީ ދޫކޮށްލާފަ އެވެ. މިއީ އައިމާގެ ކޮންމެ ދުވަހެއްގެ އާދަތަކެވެ. 

ލީޑިންގ ޓީޗަރުން ކިތަންމެ އިންޒާރެއް ދިނަސް،  މިއިން ކަމެއް ރަގަޅުކުރުމުގެ ވިސްނުމެއް އޭނާގެ ނުހުރެ އެވެ.

"އަހަރެން މި ބުނާ ވާހަކަ އަސްނާއަށް ގަބޫލެއްވެސް ނުކުރެވޭނެ.." އަސްނާ އާއި ޖެހިގެން އިން ގޮނޑިއަށް ދެމިގަންނަމުން އައިމާ ބުނެލީ ވަރަށް ސިއްރުންނެވެ.

"އެންމެ ފަހުން އެއްކަލަ 'ރޫމް ނަމްބަރ 13' ގޭމްގެ އެންމެ ފަހު ލެވެލްވެސް އަހަރެން ފުރިހަމަކޮށްފިން" 

އެއީ އަސްނާގެ ކަންފަތް ބުޑުގައި ބުނެލި ސިއްރު ވާހަކައެކެވެ. 

އެ ބުނަނީ ބިރުވެރި ގޭމެއްގެ އެންމެ ފަހު ލެވެލްގެ ވާހަކަ އެވެ. 

އެއީ އެ ކްލާހުގެ ކުދިންނާއި އެ އުމުރު ފުރައިގެ އެތަށް ކުދިންނެއް ބަނދެވިފައިވާ ނުރައްކާތެރި ދަލެއްގެ ވާހަކަ އެވެ. 

"އަސްނާއަށް އިނގޭތަ، އޭގެ ކޮންމެ ރޫމެއްގައިވެސް ފުރެންދެން ތިބޭނީ އެކި ކަހަލަ، އެކި ސިފަސިފައިގައި ހަދާފައި ހުންނަ ބޮޑެތި ބުދުތައް.. ދެން އޭގެން ދިރުމުގެ ބާރު ލިބޭ ބުދުތަކާއި އެކި މީހުންގެ ރޫހް ވަންނަ ބުދުތަކުގެ ނުރައްކާތެރި، ބިރުވެރި ހާދިސާތަކުން ޖެހޭނީ ސަލާމަތް ވާން.. އޭގައި ހިމަނާފައިވާ އަޑުތަކަކީ ސަންދޯކެއްގެ ތެރެއިން އުފަން ކުރާ އަޑުތަކެއް.. އެ އަޑުތަކުގެ ބިރުވެރިކަމުން އަހަރެންގެ މަންމަ ރުޅި އަންނާތީ ކޮންމެ ރެއަކު ގޭމް ކުޅެން ވަންނަނީ ފާހާނާއަށް.. ބައެއް ރޭ ރޭ ފާހާނާގައި ނުނިކުމެ ގިނައިރުވެގެން ބޮކިތައްވެސް ނިއްވަ ނިއްވާފައި ޖައްސާނެ.. މަށަށް އިނގޭ އެއީ މަގޭ މަންމަ ކުރާކަމެއްކަން.. އެކަމަކު ގޭމް ނިމުނީމައި ނޫނީ މަށެށް ނުނިކުންނަށް" ފަހުރުވެރިކަމާއެކު އައިމާ ކިޔަމުންދިޔައީ އޭނާ ގޭމް ކުޅެން ވަގުތު ހޯދާގޮތެވެ.

ހަރަކާތް ހުއްޓިފައި އިން އަސްނާގެ ދެ ލޮލުގެ އެސްފިޔަ ފިޔަވައި އެހެން އެއްވެސް ގުނަވަނެއް ހަރަކާތެއް ނުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް