ސަރުކާރުން ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ނިންމީ މިދިޔަ 2 އޭޕްރީލްގަ އެވެ. ސުކޫކު ދައްކާ ނިންމުމަށް އެސްޑީއެފް އަދި ރިޒާވުން ފައިސާ ހޭދަކުރި ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލު މީގެ ކުރިން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ 'އަހާ' ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް، ދަރަނި ދެއްކުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު މި ސަރުކާރުގެ ދެ އަހަރާ ބައިގެ ތެރޭ ހޭދަކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ފެށިއިރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުރީ ވަރަށް ރަނގަޅަށެވެ. އެކަމަކު މެދުއިރުމަތީގެ ހަނގުރާމަފެށުމާ އެކު ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ސަބްސިޑީގެ ގޮތުގައި ކުރަން ޖެހުނު ހަރަދު ބޮޑުވި ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަހަރު ސަބްސިޑީގެ ގޮތުގައި ހަރަދުކުރަން ސަރުކާރުން ބަޖެޓްކުރީ 2.9 ބިލިއަން ރުފިޔާ ކަމަށް ވިޔަސް އަހަރުގެ މިހާތަނަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހަަރަދުވެފައި ވެ އެވެ.
ޒަރީރު ވިދާޅުވީ ރާއްޖެއަށް ބޭރު ފައިސާ އިތުރަށް ލިބޭނެ ގޮތްތައް ގާނޫނުތަކުން ފަހިކުރަމުންދާއިރު، މި އަހަރު ނިމުމަށް ފަހު، ރާއްޖެއިން ބޮޑެތި ދަރަނިތަކެއް ދައްކަން ނެތް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ދައްކަން އޮތް ދަރަންޏަކީ ރާއްޖެއަށް ލިބޭ އާމްދަނީން ދެއްކޭނެ ދަރަނިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.