މި އަމުރު ނެރެފައިވަނީ 2010 ވަނަ އަހަރު އޭނާ ހުށަހަޅައިދިން ރިއަލިޓީ ޓީވީ ޝޯއެއް ކަމަށްވާ "ރާކީ ކާ އިންސާފް" އާ ގުޅިގެން ހިނގި މީހެއްގެ މަރުގެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އެތައް ފަހަރަކު އަންގާފައިވަނިކޮށް ވެސް ކޯޓަށް ހާޒިރުނުވުމާ ގުޅިގެންނެވެ.
މި މައްސަލައަކީ އެ ޝޯގައި ބައިވެރިވި ޒުވާނެއް ކަމަށްވާ ލަކްޝްމަން އަހިރްވާރު، ޝޯގެ ތެރޭގައި ރާކީ ބުނި ބަސްތަކަކާ ގުޅިގެން ލަދުވެތިވެ ނަފްސާނީ ގޮތުން އަސަރުކޮށްގެން އަމިއްލައަށް މަރުވި ކަމަށް ބުނެ އޭނާގެ އާއިލާއިން ހުށަހަޅާފައިވާ މައްސަލައެކެވެ. އާއިލާއިން ބުނެފައިވަނީ ލަކްޝްމަން މަރުވުމަށް މެދުވެރިވީ ރާކީ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
ޖާންސީގެ ސިވިލް ޖަޖް ކޯޓުން މި އަމުރު ނެރުނީ މި މައްސަލައިގެ އަޑުއެހުންތަކަށް ރާކީ އެތައް ފަހަރަކު ހާޒިރުނުވެ ފިލައިގެން އުޅޭ ކަމަށް ފާހަގަކުރެވިގެންނެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި މީގެ ކުރިން ނެރުނު އަމުރުތަކަށް އިޖާބަދީފައި ނުވާތީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށް ފުލުހުންނަށް މިހާރު ވަނީ އަންގާފައެވެ.
މި މައްސަލައިގައި ދައުލަތުގެ ވަކީލު މްރިދޫލް ކާންތު ސްރީވަސްތަވާ ބުނީ، ކޯޓަށް ހާޒިރުނުވުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި، މި މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުން ޑިސެމްބަރު 1 އަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ ކުރިން ރާކީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި އަމުރާ ގުޅިގެން ރާކީ ސާވަންތު ނުވަތަ އޭނާގެ ގާނޫނީ ޓީމުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފުލުހުން މިހާރު އަންނަނީ މި އަމުރު ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.